އެންއައިސީގެ މެމްބަރުކަމަށް ޝިފާގެ ފިރިކަލުން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރު ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ ފިރިކަލުން ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.


މަޖިލިހުގެ ޖަލްސާގައި، އެންއައިސީގެ މެމްބަރު ކަމަށް ވ. ދިވެތި ޖިހާދު އައްޔަން ކުރަން ފާސްކުރީ 78 މެމްބަރުންގެ އިއްތިފާގުންނެވެ.

އެންއައިސީގެ މެމްބަރުކަމަށް ޖިހާދު އައްޔަންކުރަން ފާސްކުރީ އެ ކޮމިޝަންގެ މެމްބަރު ކަމުގައި ހުންނެވި މުހައްމަދު ފަރުހާދު މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މަޖިލިހުގެ ޖަލްސާގައި އެންއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެނޭތޯ އެންމެ ފުރަތަމަ އެހީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު ޝުއައިބު އަބްދުއްރަހުމާންގެ ނަމަަށެވެ. އެކަމަކު، އެންއައިސީ އަށް ޝުއައިބު އައްޔަންކުރަން ނުފެންނަ ކަމަށް މަޖިލިހުން ފާސްކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައިވާ ގޮތުން، އެމަނިކުފާނު އިސްކަން ދެއްވި ތަރުތީބުގެ އެންމެ ކުރީގައި އޮތީ ވެސް ޝުއައިބުގެ ނަމެވެ.

ޝުއައިބާއި ޖިހާދުގެ އިތުރުން ރައީސްގެ ލިސްޓްގައި ދެން ހިމެނުނީ ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ، ހައްވާ ލިއުޝާ، ގ. ތުނޑިވެލި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނަންތައް ދިރާސާ ކުރުމަށް ފަހު ލިއުޝާގެ ނަން ފިޔަވައި ހުރިހާ ނަމެއް މަޖިލިހުގެ ތަޅުމަށް ފޮނުވި އެވެ. އަދި ޖިހާދުގެ ނަން ފާސްވުމާ ގުޅިގެން ޝަހުނީޒާގެ ނަމަށް މަޖިލިހުގެ ތަޅުމުގައި ވޯޓަކަށް ނުދެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލި 26 މީހެއްގެ ނަންތައް ދިރާސާ ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފުރަތަމަ ފޮނުވުމުން އެ ކޮމިޓީން ނަންތައް ދިރާސާކޮށް މަޖިލިހުގެ ތަޅުމަށް ހުށަހެޅި އެވެ. އެކަމަކު، އެކަމާ މެދު ގޮތެއް ނުނިންމައި މަޖިލިހުން ވަނީ އެ ކޮމިޝަނަށް ކުރިމަތިލާން އަލުން ހުޅުވާލަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފަ އެވެ. މަޖިލިހުން އެގޮތަށް ލަފާ އެރުވުމާ ގުޅިގެން ރައީސް އޮފީހުން އަލުން އެންއައިސީ އަށް ކުރިމަތިލާން ހުޅުވައިލީ އެވެ.

އެންއައިސީގައި މިހާރު ތިއްބެވީ ހަތަރު މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ. ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަނީ ފަސް އަހަރު ދުވަހަށެވެ.

މިއަދުގެ ޖަލްސާގައި ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެމްބަރު ކަމަށް މަހްޒޫމް ސަލީމް، ޝަބްނަމްގެ ކ. ކާށިދޫ އައްޔަން ކުރަން ރުހުންދީފަ އެވެ.