މާލޭގައި ދެ ސައިކަލް ޖެހި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އަންހެން މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
ސޯސަންމަގުގައި ދުއްވާފައި ދަނިކޮށް، ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 1:12 ހާއިރު އެވެ.
އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކަށާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ އަންހެނަކަށެވެ. އެއީ މުޅިން ވެސް ދިވެހިންނެވެ.
އެ މީހުންގެ ތެރެއިން އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އޭނާގެ ހާލު ކްރިޓިކަލް ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އަންހެން މީހާގެ މޫނުގެ ކަށިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ބޮލުގެ އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ.
އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި އެ އެކްސިޑެންޓުގައި އަންހެން މީހާ ވެއްޓި އޭނާގެ ބޮލުން ވަރަށް ގަދަޔަށް ލޭ ފައިބާފައި އޮތެވެ. އަންހެން މީހާ ވެއްޓިފައި އޮތްއިރު އެއްވެސް ހަރަކާތެއް ވެސް ނެތެވެ. އަނެއް ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައްވެ، ވެއްޓިފައި އޮއްވާ ފެނެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލް ދުއްވި 21 އަހަރުގެ މީހާގެ އަތުގައި އެެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތެވެ. އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެެވެ.