ޓެސްޓު ނުހަދައި، ގދ. ގައްދޫގައި ގިނަ ބަޔަކަށް ލައިސަންސް ދޫކުރި މައްސަލަތަކެއް ފަޅާއަރައި، އެ ރަށުން ލައިސަންސް ދޫކުރުމުގެ ހިދުމަތް މިއަދު މެދުކަނޑާލައިފި އެވެ.
ގައްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކައުންސިލުން ދެމުން އައި އެެއްގަމު ދަތުރުފަތުރުކުރުމުގެ ލައިސަންސާއި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ހުރިހާ ހިދުމަތްތަކެއް މެދުކަނޑާލަން ޖެހުނީ ޒިންމާދާރު މަގާމުތަކެއްގައި ތިބި ބައެއްގެ އިހުމާލުން ކަމަށެވެ.
މާލީ ބޮޑެތި ފައިދާތަކެއް ހޯދުމުގައި ހިންގި ގާނޫނާއި ގަވާއިދާ ހިލާފު އެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކުރުމަށް ދެމުން އައި އެ ހިދުމަތް މެދުކަނޑާލަފައިވާ ކަމަށް ބުންޏެެވެ.
ގައްދޫ ކައުންސިލުން ބުނީ ފަސް ވަނަ ދައުރުގެ ކައުންސިލަރުން މަސައްކަތަށް ނުކުތުމުގެ ފަހުން ވެސް ލައިސަންސްގެ ކަންކަމުގައި ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބުނު ކަމަށެވެ.
ކައުންސިލުން ބުނި ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހު އެ ކައުންސިލުގެ ރައީސަށް ލިބިވަޑައިގެންނެވި ވަރަށް އިތުބާރު ހުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބެލިބެލުމުން ލައިސަންސް ދޫކޮށްފައި ވަނީ ގަވާއިދާ ހިލާފަށްކަން އެނގުނެވެ. ލައިސަންސް ދޫކުރީ ލައިސަންސް ނެގި މީހާ މާލޭގައި ހުރެ، އޮގަސްޓް 30 ގައި ލައިސަންސަށް އެޕްލައިކޮށްގެންނެވެ. އެ މީހާއަށް ޖެހިގެން އައި ދުވަހު ގައްދޫ ކައުންސިލުން ލައިސަންސް ދޫކޮށްފައިވާކަން އެނގޭ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ކައުންސިލުން ބުނީ އެކަމާ ގުޅިގެން ބެލިބެލުމުން އެނގުނީ އެއީ ހަތަރު ވަނަ ދައުރުގެ ކައުންސިލްގެ ބައެއް މެމްބަރުންގެ ބައިވެރިވުމާ އެކު ހިންގާފައިވާ ނާތަހުޒީބު ޖަރީމާއެއް ކަމަށެވެ.
އެފަދަ ހުރިހާ ކަންކަމަކާ ގުޅިގެން އިދާރާގެ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެ ހާލަތުގައި މަޖުބޫރުން ވަރަށް ގިނަ ކަންކަން ކުރަން ޖެހި އެ ފަދަ އަމަލުތަކުގެ ގެއްލުން އެ މީހުންނަށް އުފުލަން ޖެހިފައިވާ ކަަމަށް ބަޔާނުގައި ބުންޏެވެ.
ގައްދޫ ކައުންސިލުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމާ ގުޅޭ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ގައްދޫ އަށް ވަޑައިގެން މޮނިޓަރިންގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ކަމަށެެވެ. އެކަމުގެ ތެރެއިން ގަވާއިދާއި ހިލާފަށް ގިނަ ކަންކަން ހިނގާފައިވާކަން ފާހަގަކުރެވިފައިވެ އެވެ. އޭގެ ތެރޭގައި މާލެއިން ލައިސަންސް ނަގާފައިވާ އަދަދާ ދާދި އެއްވަރަށް ގައްދޫން ލައިސަންސް ދޫކޮށްފައިވާކަން ފާހަގަވެ އެވެ.
ކައުންސިލުން ބުނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގައްދޫން 1،600 އަށް ވުރެ ގިނަ ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ. އެއީ މަހަކަށް 133 ވަރަކަށް ލައިސަންސެވެ. އެކަމުގައި ހަރަކާތްތެރިވެފައިވާ އެގްޒާމިނަރުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލައި އެ ކައުންސިލުން ބުނީ ހަފްތާއަކަށް ދެތިން މީހުން ވެސް ޕްރެކްޓިކަލް ހަދާފައި ނުވާކަން އެނގިފައިވާ ކަމަށެވެ.
ގައްދޫ ކައުންސިލުން ބުނީ އެއްގަމާއި ކަނޑު ލައިސަންސްގެ ހިދުމަތް އަލުން ފެށުމަށް ކަމާ ގުޅުން ހުރި ސަރުކާރުގެ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އެ ކައުންސިލުން ބުނީ މި މި ދައުރުގައި އެފަދަ ނާތަހުޒީބު ޖަރީމާތަކާއި ވައްކަމާއި ހިޔާނާތުގެ މައްސަލަތައް އެ ކައުންސިލުގައި ނުހިނގާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ކަންކަމާއި ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި ކައުންސިލުން ދެމިއޮންނާނެ ކަމަށް ވެސް ބުންޏެވެ.