މި ވާހަކަ ގިނަ ބަޔަކަށް ސިފަކުރެވެނީ ކުޅޭ އެއްޗެއް ނުދީގެން ތުއްތު ކުއްޖަކު ބޮޑާ ހޭކުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ. އެކަމަކު މިއީ ކުޑަކުއްޖެއްގެ ވާހަކައެއް ނޫނެވެ އެވެ. އުމުރުން 22 އަހަރުގެ ޒުވާނެއްގެ ވާހަކަ އެވެ.
ލައިސަންސް ނެގިއިރަކުން ކާރެއް ގަނެދޭނެ ވާހަކަ ބައްޕަ ބުނެފައި އޮތުމުން، ޗައިނާގެ ޖިއަންގްޒީ ސިޓީގެ މި ޒުވާނާ ކުރަން އުޅުނު ކަމަކީ "ޝޯޓްކަޓަކުން" އަގުބޮޑު ބީއެމްޑަބްލިއު ކާރެއް ގަނެދޭން ބައްޕަ އަށް މަޖުބޫރު ކުރުމެވެ.
އެގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އެ ސިޓީގައި ބޭއްވި ކާރު ޑީލާޝިޕް އިވެންޓެއްގެ ތެރޭގައި ޖީ މޯބިން ކިޔާ ޒުވާނާ ވަނީ އެތަނުން އޭނާ ގަޔާވި ނޫ ނުކުލައިގެ ބީއެމްޑަބްލިއު ކާރެއްގެ ބޭރުގައި ތަޅުދަނދިއަކުން ފުންކޮށް ކޫރުން އަޅައިފަ އެވެ. މިކަން އޭނާ ކުރީ ކާރު ބޭނުންވެގެން ބައްޕަ އަށް ގުޅާފައި ފޯނުން ވާހަކަ ވެސް ދެއްކިތާ ކުޑައިރުކޮޅެއް ފަހުންނެވެ. ފަހުން އެނގުނު ގޮތުގައި އޭނާ އެކަން ކުރީ ބީއެމްޑަބްލިއު ކާރު ގަނެދޭން ބައްޕަ ދެކޮޅު ހެދުމުންނެވެ.
ކާރުގައި ކޫރުން އެޅީ ޖީ ކަމަށް ޝައްކުކުރެވިގެން ސީސީޓީވީ ފުޓެޖް ޗެކްކުރި އިރު އެކަން ކަށަވަރުވެގެން، ޑީލާޝިޕް އިންތިޒާމުކުރި މީހުން ވަގުތުން ފުލުހުންނަށް ވެސް ގުޅި އެވެ. އަދި ފުލުހުން އޭނާ ހައްޔަރުކޮށް މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކާރަށް ދިން ދިން ގެއްލުމާ ގުޅިގެން ޖީގެ ބައްޕަ އެ ކާ ރުގަތް ކަމެއް ކަށަވަރެއް ނުވެ އެވެ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް އެއީ ބަދަލު ދޭންޖެހޭ ވަރުގެ ގެއްލުމެކެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ޗެން ޖުނާން ބުނި ގޮތުގައި ޖީގެ އެ އަމަލަކީ ކުޅޭ އެއްޗެހި ނުދީގެން ތުއްތު ކުދިން ކުރާ ޒާތުގެ ކަމެކެވެ.
"އޭނަ ގަބޫލުކުރީ ކާރަށް ގެއްލުން ދިނީމަ ބައްޕަ އެ ގަނެފައި ދޭނެ ކަމަށް. މި މައްސަލަ އަހަރެމެން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުން،" އޭނާ ބުންޏެވެ.