މި އަހަރުގެ އޭލެވެލް އިމްތިހާނު 4،973 ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުން އޭލެވެލް އިމްތިހާނުގައި 3،284 ދަރިވަރުން ބައިވެރިވާ ކަމަށެވެ. އަދި އެޗްއެސްސީ އެޑެކްސެލް އިމްތިހާނުގައި 1،357 ދަރިވަރުން ބައިވެރިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އަތޮޅު ތެރެއިން އޭލެވެލް އިމްތިހާނުގައި ބައިވެރިވަނީ 1،689 ދަރިވަރުންނެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވަނީ 906 ދަރިވަރުންނެވެ.
މިއަހަރު މުޅި ރާއްޖޭގައި އެ އިމްތިހާނު ކުރިއަށް ދަނީ 53 ސެންޓަރެއްގަ އެވެ. އެއީ މާލޭ ސަރަހައްދުގެ ހަތަރު ސެންޓަރަކާއި އަތޮޅުތެރޭގެ 49 ސެންޓަރެއްގަ އެވެ.
އެ އިމްތިހާނު މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 30 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
އޭ ލެވެލް އިމްތިހާނު މިއަދު ފެށުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މަތީ ސާނަވީ އިމްތިހާނަކީ ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމުގައި އަދި ވަކީން ހާއްސަކޮށް، މަތީ ތައުލީމު އުނގެނޭނެ ދާއިރާއެއް ހިޔާރުކޮށް ކުރިއަށް ދިއުމުގައި މުހިންމު މަރުހަލާއެއް ކަމަށް ވިދާޅުވި އެވެ. އަދި ދަރިވަރުންނަށް ހެޔޮ ދުއާ އާއި ކާމީޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.
އިމްތިހާނަަށް ތައްޔާރުވުމަށް ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އިމްތިހާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަހުރުވެރިވާނެ ފަދަ ރަނގަޅު ނަތީޖާތަކެއް އެ ދަރިވަރުން ގައުމަށް ހޯދައިދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އޭގެތެރޭގައި، މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތް އަލުން ހުޅުވައި ކިޔަވައި ދޭން ފެށުން ހިމެނެ އެވެ. ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ކުދިންނަށް ދޭން ގްރޭޑް 11، 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލު ވެސް ވަނީ އިސްލާހުކޮށްފަ އެވެ.
ކުރިން ކިޔަވައިދޭ ސްކޫލްތަކުގެ އިތުރަށް، މިދިޔަ އަހަރު އަލަށް 12 ސްކޫލެއްގައި ވެސް ވަނީ އޭ ލެވެލް އަށް ކިޔަވައިދޭން ފަށައިފަ އެވެ.