ސަރުކާރުގެ ސްކޫލުތަކުގައި އޭލެވެލަށް ކިޔެވުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު އޯލެވެލް ނަތީޖާ ދޫކުރުމަށް ފަހު، ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައި އެ މިނިސްޓްރީން ބުނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

އޭލެވެލް ކިޔަވަން ވަދެވޭނެ އުމުރުފުރާ

  • މިދިޔަ އަހަރުގެ ނިޔަލަށް އުމުރުން 16 އަހަރު ފުރި 17 އަހަރު ނުފުރޭ ދަރިވަރުން
  • އެ އުމުރު ހަމަވި ނަމަވެސް ގްރޭޑް 10 ނިންމައި، ގްރޭޑް 11 އަށް ވަނުމަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ކުދިން.

އޭލެވެލް ކިޔެވޭނެ ޝަރުތުތަކުގެ ތެރޭގައި ބަލަނީ އޯލެވެލް އިމްތިހާނާއި ބީޓެކްގެ ނަތީޖާއަށެވެ. އެ ދެ އިމްތިހާނުގެ ތެރެއިން އެއް އިމްތިހާނުން ތިން މާއްދާ އިން ނުވަތަ ފަސް މާއްދާއާ ހަމައަށް ފާސްވާ ދަރިވަރުންނަށް.

އޭލެވެލް އިމްތިހާނު ހަދާ ކުދިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ އަހަރު ވަނީ ކްރައިޓީރިއާއަށް ބަދަލުތަކެއް ވެސް ގެނެސް، އޭލެވެލަށް ކިޔެވޭނެ ތިން މަގެއް ފަހިކޮށްފަ އެވެ.

އެއީ އެކަޑެމިކް ސްޓްރީމާއި ސްކޫލްގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިއުކޭޝަނާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.

އޭ ލެވެލަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް މިހާރު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި މާލޭގައި ޒަމާން ވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތް އަލުން ހުޅުވައި ކިޔަވައި ދޭން ފެށުން ހިމެނެ އެވެ. އަދި އޯ ލެވެލް ފެންވަރަށް ކިޔަވައިދޭ 23 ސްކޫލެއްގައި މި އަހަރު އޭ ލެވެލަށް ކިޔަވައިދޭން ވެސް ވަނީ ފަށައިފަ އެވެ.