މިދިޔަ މެއި/ޖޫންގައި އޭ ލެވެލް އިމްތިހާނު ހެދި ދަރިވަރުންނަށް މިއަދު ނަތީޖާ ދޫކުރަން ފަށައިފި އެވެ.
މެދުކެނޑުމަކަށް ފަހު، އަމިއްލަ ގޮތުން މެއި/ޖޫންގައި އޭ ލެވެލް ހަދަން ހުޅުވާލީ މި އަހަރު ފެބްރުއަރީ މަހު އެވެ. އެ މުއްދަތުގައި 1،229 ދަރިވަރުން އިމްތިހާނު ހެދި އެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ ކޭމްބްރިޖް އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިހާނު ހެދި ދަރިވަރުންނަށް މިއަދު މެންދުރު 12:00 އިން ފެށިގެން އެ ދަރިވަރަކު ނިސްބަތްވާ ސްކޫލަކުން ނަތީޖާ ދޫކުރަން ފަށާފައިވާ ކަމަށެވެ.
އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރުންނަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 1:30 އަށް ސެޓްފިކެޓް ދޫކުރާނެ ކަމަށް ވެސް ޑީޕީއީން ބުންޏެވެ.
ސެޓްފިކެޓް ނަގަން ދާއިރު އައިޑީ ކާޑު ގެންދަން ޖެހެ އެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ އިމްތިހާނު ހެދި ދަރިވަރުގެ އައިޑީ ކާޑުގެ ކޮޕީއަކާއި ބަލައިދާ މީހާގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށް ޑީޕީއީން ބުންޏެވެ.
މި އަހަރު އިމްތިހާނު ހެދި ދަރިވަރުންގެ ތެރޭގައި ހިމެނެނީ މާލެއިން ބައިވެރިވި 916 ދަރިވަރުންނާއި އައްޑޫ، ހިތަދޫން ބައިވެރިވި 147 ދަރިވަރުންނެވެ. ފުވައްމުލަކުން 27 ދަރިވަރަކު ބައިވެރިވި އެވެ.
ޓެސްޓު ހެދި އިތުރު ސެންޓަރުތަކާއި ދަރިވަރުންގެ އަދަދު
- ހއ. އިހަވަންދޫ: 15 ދަރިވަރުން
- ހދ. ކުޅުދުއްފުށި: 11 ދަރިވަރުން
- ށ. މިލަންދޫ: 17 ދަރިވަރުން
- ރ. މީދޫ: ދެ ދަރިވަރުން
- ބ. އޭދަފުށި: 23 ދަރިވަރުން
- ޅ. ނައިފަރު: 14 ދަރިވަރުން
- ފ. ނިލަންދޫ: 12 ދަރިވަރުން
- ދ. ކުޑަހުވަދޫ: ދެ ދަރިވަރުން
- ލ. ގަން: 25 ދަރިވަރުން
- ގދ. ތިނަދޫ: 18 ދަރިވަރުން
މީގެ ހަ އަހަރު ކުރިން 2020 ގައި ގެނައި ބަދަލާ އެކު އަމިއްލަ ގޮތުން އޭލެވެލްގެ މެއި/ޖޫން ޓެސްޓުގައި ބައިވެރިވާން ބޭނުންވާ ގިނަ ދަރިވަރުން އިމްތިހާނު ހެދީ ސްރީ ލަންކާ އަށް ގޮސްގެންނެވެ. އޭރު އޮތީ ހަރަދު ބޮޑުވުމުގެ ޝަކުވާ އެވެ.
އެހެންވެ އޭގެ ފަހުން، އެ ފުރުސަތުދީ ރާއްޖޭގައި މެއި ޖޫންގައި އަމިއްލަ ގޮތުން އޭ ލެވެލް ހެދުމަށް ޑީޕީއީން ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.