މެދުކެނޑުމަކަށް ފަހު، އަމިއްލަ ގޮތުން މޭ/ޖޫންގައި އޭލެވެލް ހަދަން ހުޅުވާލި ފުރުސަތުގައި 1،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި ކަމަށާއި މާދަމާ އިމްތިހާނު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މެއި/ޖޫންގައި އަމިއްލަ ގޮތުން އޭލެވެލް ހަދަން މީގެ ކުރިން ސްރީ ލަންކާ އަށް ދިޔަ ނަމަވެސް އެކަމަށް ހިނގާ ހަރަދު ބޮޑުވުމުން ބައެއް ދަރިވަރުންނަށް ފުރުސަތު ނުލިބޭތީ އާއި އޭލެވެލްގެ ގަދަ 10 ގައި ހިމެނި، ސްކޮލާޝިޕް ހޯދަން ދަރިވަރުންނަށް އޮންނަ ފުރުސަތު ގެއްލޭތީ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ރާއްޖޭގައި މި އިމްތިހާން ބާއްވަން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.
އެ މަހު ޑީޕީ އީން ވަނީ އަމިއްލަ ގޮތުން މޭ/ޖޫންގައި އޭ ލެވެލް ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މޭ/ޖޫން އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވާން އެދި 1،229 ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އެންމެ ގިނައިން ބައިވެރިވަނީ މާލެ ސަރަހައްދުންނެވެ. މާލެއިން ބައިވެރިވާ 916 ދަރިވަރުން ތިބިއިރު އައްޑޫ، ހިތަދޫން ބައިވެރިވާ 147 ދަރިވަރުން ހިމެނެ އެވެ. ދެން ތިބީ ފުވައްމުލަކުން ބައިވެރިވާ 27 ދަރިވަރުންނެވެ.
ޓެސްޓު ހަދާ އިތުރު ސެންޓަރުތަކާއި ދަރިވަރުންގެ އަދަދު
- ހއ. އިހަވަންދޫ: 15 ދަރިވަރުން
- ހދ. ކުޅުދުއްފުށި: 11 ދަރިވަރުން
- ށ. މިލަންދޫ: 17 ދަރިވަރުން
- ރ. މީދޫ: ދެ ދަރިވަރުން
- ބ. އޭދަފުށި: 23 ދަރިވަރުން
- ޅ. ނައިފަރު: 14 ދަރިވަރުން
- ފ. ނިލަންދޫ: 12 ދަރިވަރުން
- ދ. ކުޑަހުވަދޫ: ދެ ދަރިވަރުން
- ލ. ގަން: 25 ދަރިވަރުން
- ގދ. ތިނަދޫ: 18 ދަރިވަރުން
މާދަމާ ފަށާ އިމްތިހާނު ނިމޭނީ އަންނަ މަހު އެވެ
މިއީ ރާއްޖޭގައި މެއި ޖޫންގައި އަމިއްލަ ގޮތުން އޭ ލެވެލް ހެދުމަށް ޑީޕީއީން ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.
މީގެ ހަ އަހަރު ކުރިން 2020 ގައި ގެނައި ބަދަލާ އެކު މީގެ ކުރިން އަމިއްލަ ގޮތުން އޭލެވެލްގެ މޭ/ޖޫން ޓެސްޓުގައި ބައިވެރިވާން ބޭނުންވާ ގިނަ ދަރިވަރުން އިމްތިހާނު ހެދީ ސްރީ ލަންކާ އަށް ގޮސްގެންނެވެ. އޭރު އޮތީ ހަރަދު ބޮޑުވުމުގެ ޝަކުވާ އެވެ.