ހއ. ހޯރަފުށީގައި ހުންނަ އިންޓަނޭޝަނަލް ސްކޫލް ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.
އެ ސްކޫލް ހިންގައިދޭނެ ބަޔަކު ހޯދަން މި އިއުލާންކުރީ މީގެ ދެ އަހަރު ކުރިން އެ ތަން އެވިޑް ކޮލެޖާ ހަވާލުކުރި ނަމަވެސް މާލީ ހާލަތު ތަން ނުދޭތީ ދޫކޮށްލަން ނިންމާފައިވާތީ ކަމަށް ހޯރަފުށީ ކައުންސިލުން މިއަދު ބުންޏެވެ.
ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލް ހިންގުން އެވިޑް ކޮލެޖާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2023 ގަ އެވެ. ޖުމްލަ އަށް މުވައްޒަފުންނާއި 47 ދަރިވަރުންނާ އެކު ސްކޫލް ހުޅުވައި ކިޔަވައިދޭން ފެށީ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރު އެވެ.
ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު އަސްފާމް "މިހާރު" އަށް ވިދާޅުވީ އެ ސްކޫލް ހިންގުން އެވިޑް ކޮލެޖާ ހަވާލުކުރި ނަމަވެސް މާލީ ހާލަތު ދަށްވުމުން ދޫކޮށްލަން ނިންމާފައިވާކަން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
"އެވިޑުގެ މާލީ ހާލަތު ހުރި ގޮތުން ދޫކޮށްލަން ނިންމާފައި ވަނީ. ނަމަވެސް މި ހިނގާ ދިރާސީ އަހަރު ނިމެންދެން ހިންގައިދޭނެ ކަމަށް ބުނެފައި ވަނީ. އެހެންވެ އަލުން އިއުލާން ކޮށްފައި އެ ވަނީ،" އޭނާ ވިދާޅުވި އެވެ.
ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލުގައި މިހާރު ވެސް 37 ދަރިވަރުން ކިޔަވަމުން އަންނައިރު ކޮންމެ ދަރިވަރަކަށް ދައްކަން ޖެހެނީ މަހަކު 2،500ރ. އެވެ.
މިދިޔަ އާދިއްތަ ދުވަހު ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ރަށުގައި ހުންނަ ކައުންސިލްގެ ސްކޫލް އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށާއި އަންދާސީ ހިސާބު ހުށަހަޅަން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ފޯމު، https://forms.gle/jLj7CzqHVVvSm9aT9 ފުރިހަމަ ކުރުމަށް އެދި ކައުންސިލުން ބުނީ ބިޑް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ މީހުން ބީލަމުގައި ރަޖިސްޓަރީ ކުރުމަށް ފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
އެ ރަށުގެ ކައުންސިލްގެ ސްކޫލު އިމާރާތަކީ އެކި ވިޔަފާރިވެރިންނާއި އެމްޓީސީސީގެ އެހީގައި އިމާރާތްކުރި ތަނެކެވެ.
ކައުންސިލުން ކުރިން ބުނެފައި ވަނީ ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއްގެ ހިންގުމުގެ މަގުސަދަކީ ޕްރީ ސްކޫލުގެ މަރުހަލާއިން ފެށިގެން ކީ ސްޓޭޖު 5 އާ ދެމެދުގެ ދަރިވަރުންނަށް، ޒަމާނީ ވަސީލަތްތަކާ އެކު ދުނިޔޭގެ ކުރިއަރާފައިވާ އެޑިއުކޭޝަން ސިސްޓަމްތަކާ އެއް ފެންވަރެއްގައި ޒަމާނީ ތައުލީމު ރަށުގައި ތިބެގެން އުނގެނުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އެ ތަނުގައި ޕްލޭ ގްރައުންޑާއި ގުދަނަކާއި ޕަބްލިކް ފާހާނާއަކާއި ދަރިވަރުންނަށް ހާއްސަ ހަތަރު ފާހާނާ އާއި އިމާރާތުގައި ތިން ކުލާސްރޫމާއި ޕްރިންސިޕަލް ރޫމަކާއި ސްޓާފް ރޫމަކާ އަދި ރިސެޕްޝަން އޭރިއާއެއް ވެސް ހުރެ އެވެ.