ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހިގެން ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި ދެން ހިމެނޭ ސައިކަލު ދުއްވީ ލައިސެންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ރޭ 10:15 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އެކަމަކު ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ލައިސަންސް ނެތި ސައިކަލު ދުއްވީ ބަންގްލަދޭޝް ފިރިހެނެކެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.