ސ. ހުޅުދު އާއި މީދޫގައި މައްސަލަ ޖެހިފައި ހުރި ޖެންސެޓުތައް މަރާމާތުކޮށް އަލުން ބޭނުންކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ކަރަންޓް ކެނޑުމުގެ ދިގު ތާރީހެއް އޮތް އައްޑޫގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯ އިން ދެވަނަ ފަހަރަށް ހަވާލުވީ މިދިޔަ މަހުގެ 30ގަ އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ އައްޑޫގެ ކަރަންޓު ހިދުމަތާ ހަވާލުވި އިރު، މައްސަލަ ޖެހި ނުހިންގިފައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓު މަރާމާތުކޮށް އަލުން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ ޖަނަރޭޓަރު ސެޓު އަލުން އޮޕަރޭޝަނަށް ގެނައުމާ އެކު ހުޅުދޫ އަދި މީދޫގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުވެ، އެ ރަށްތަކުގެ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ކުންފުނީގެ ގާބިލު އަދި ތަޖުރިބާކާރު މުވައްޒަފުންގެ ހުނަރާއި އިލްމުގެ ބޭނުން ހިފައިގެން މިފަދައިން މައްސަލަޖެހި ނުހިންގި ހުރި ޖަނަރޭޓަރުތައް މަރާމާތުކޮށް ހިންގުމުގައި ދެމިތިބެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން،" ސްޓެލްކޯއިން ބުންޏެވެ.
މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް ސިޓީގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯ އިން ހަވާލުވުމާ ހަމައަށް އެ ސިޓީ އަށް އެ ހިދުމަތް ދެމުން އައީ ފެނަކައިންނެވެ.
ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ބަދަލުކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހެވެ.
ފަންނީ ބޭފުޅުންނާ ހަވާލާދީ ރައީސް ވިދާޅުވެފައި ވަނީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިންގިދާނެ ކުންފުންޏެއް ނޫން ކަމަށާއި އެހެންވެ ސަރުކާރުން ނިންމާފައި ވަނީ އެ ކުންފުނި އުވާލަން ކަމަށެވެ.