ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ހުށަހެޅުމަށް ދައުލަތަށް އިތުރު ފުރުސަތުތަކެއް ދިނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

މި ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅިގެން، އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

މި ބިލަކީ މިދިޔަ އޮގަސްޓު މަހު ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި ބިލެކެވެ. ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމެއް ކަމަށް ބުނެފައިވަނީ ޖިނާއީ މައްސަލަތަކުގައި ހެކި ހާމަކުރުމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމާއި ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލާ ގުޅިގެން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. 

ދައުލަތުން ހާމަކުރަން ނުޖެހޭ މައުލޫމާތުތަކެއް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ. މިހާރު ގާނޫނުގައިވާ ގޮތުން ދައުލަތުން ހާމަކުރަން ނުޖެހޭ މައުލޫމާތުގެ ގޮތުގެ އޮންނަނީ ދައުލަތުގެ ވަކީލަކު ނުވަތަ އެޖެންޓަކު އެ އޮފީހެއް ނުވަތަ އެ އިދާރާއެއްގެ އެކަނި ބޭނުމަށްޓަކައި ތައްޔާރުކުރާ ރިޕޯޓާއި ލިޔެކިޔުންތަކާއި ސަރުކާރުގެ މުވައްޒަފަކަށް ނުވަތަ ވަކީލަކަށް، ހެކިވެރިއަކު ނުވަތަ ހެކިވެރިއަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާނެވެ. 

ނަމަވެސް، ބިލުގައި ވަނީ އެ މާއްދާއަށް އެހެން ކަންކަން އިތުރުކޮށްފަ އެވެ. އެއީ: 

- ސިއްރު އޮޕަރޭޝަނެއް ހިންގާފައިވާ ފަރާތަކީ ކާކުކަން ދެނެގަނެވޭ މައުލޫމާތު ނުވަތަ ސިއްރު ހެއްކެއްގެ މައުލޫމާތު 

- ދައުވާ ލިބޭ ފަރާތަށް ހާމަކުރަން ނުޖެހޭނެ ހެކި ނުވަތަ މައުލޫމާތު ކަމަށް އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ކޮންމެ ހެއްކެއް ނުވަތަ މައުލޫމާތެއް 

މި ބިލުން ދައުލަތަށް ހެކި ސިއްރުކުރުމާއި ރައްކާތެރިކުރުމުގެ އިތުރު އިހުތިޔާރުތަކެއް ލިބިގެންދެ އެވެ. އެގޮތުން ދައުލަތަށް ހެކި ސިއްރުކުރަން ހުށަހެޅޭނެ އިތުރު ހާލަތްތަކުގެ ތެރޭގައި:

- ޖިނާއީ ތަހުގީގުތަކުގެ އޮޕަރޭޝަނަލް މައުލޫމާތު ހާމަވެދާނެ ހާލަތްތައް

- ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ނުވަތަ ވިޔަފާރި ސިއްރުތަކާއި މަސްލަހަތަށް ގެއްލުންވުން

- ހެކި ހާމަކުރުމުން އިތުރު ކުށަކަށް މަގުފަހިވުން ނުވަތަ ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ހިންގުން.

ބިލުގައި ބުނެފައިވާ ގޮތުގައި ދައުވާއެއްގެ ޝަރީއަތް ފެށުމަށް ފަހު، ދައުލަތުން ވަކި ހެއްކެއް ނުވަތަ މައުލޫމާތެއް ހާމަނުކުރަން ނިންމި ސަބަބު ފިލައިގެން ގޮސްފި ނަމަ، އެ ހެއްކެއް ނުވަތަ މައުލޫމާތެއް ވީއެންމެ އަވަހަކަށް ދައުވާ ލިބޭ ފަރާތަށް ދައުލަތުން ހާމަކުރަންވާނެ އެވެ. 

ދައުވާ ލިބޭ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމުގެ ހާލަތްތަކަށް ބިލުގައި މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ. މިހާރު ގާނޫނުގައި އޮންނަ ގޮތުން އެއްވެސް މީހަކަށް ޖިސްމާނީ، ނުވަތަ އެކަށީގެންވާ ބޮޑު އިގްތިސާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުވާ ހާލަތުގައި އަދި ހެކީގެ ބާރު ކަނޑުވާލުން ނުވަތަ ގެއްލުންދިނުން ނުވަތަ ނައްތާލަދާނެ ހާލަތުގައި ހެކި ރައްކާތެރިކުރަން ދައުވާ ލިބޭ މީހާއަށް އެދެވެ އެވެ. 

ބިލުގައި ހިމަނާފައިވަނީ މީގެ ތެރެއިން އެކަށީގެންވާ ބޮޑު އިގްތިސާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުވާ ހާލަތް އުނިކުރުމަށެވެ. 

މި ބިލުގެ ބަހުސްގައި އިދިކޮޅު މެންބަރުން ވަނީ މިއީ ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށް އެމީހުން ފްރޭމްކުރުމުގެ ނިޔަތުގައި ސަރުކާރުން ފަރުމާކޮށްފައިވާ ބިލެއް ކަމަށް ސިފަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. އެ މެންބަރުން ކަށަވަރުކޮށްދެއްވި ގޮތުގައި، މި އިސްލާހުތަކަކީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވަން ގެންނަ ބަދަލުތަކެއް ނޫން ކަމަށާއި، މިއީ ގާނޫނީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މަޖިލީހުގައި ހިނގަމުންދާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 192 ވަނަ މާއްދާއިން ފެށިގެން 197 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް (ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ނެގުމާ ގުޅޭ ބާބު) އުނިކުރުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.