ސައިަކަލެއް ވަގަށް ނަގައިގެން، ތިން މީހުން އަރައިގެން ވަންވޭއާ އިދިކޮޅަށް ދުއްވަނިކޮށް ހުޅުމާލޭގައި ހިނގި ބޮޑު އެެކްސިޑެންޓްގެ  މައްސަލާގައި ހިމެނޭ އެކަކު ފަރުވާއަށް ފަހު ދޫކޮށްލުމުން ހައްޔަރުކޮށްފި އެވެ. 

ފުލުހުން މިއަދު ބުނީ މި މަހުގެ ހަތްވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ނިރޮޅުމަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން ލ، މާމެންދޫ، އިރުމަތީގެ، މުހައްމަދު ސައިފް 27، މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު، ހޮސްޕިޓަލުން ދޫކޮށްލުމުން ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުުުރުމަށް ފަހު، ސައިފްގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލްކޯޓަށް ހާޒިރުކުރުުމުން އެ ކޯޓުން އަމުރުކުރީ އޭނާ ހަފުތާއަކަށް ބަންދުކުރާށެވެ. 

ސައިފްއަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސައިފް އާއި އެހެން ދެ މީހަކު އަރައިގެން ވަންވޭއަކުން އިދިކޮޅަށް ދުއްވި ސައިކަލުން ޖެހުނީ އެ ވަގުތު މަގުގައި ގަވައިދާ އެއްގޮތަށް ދުއްވާފައިދިޔަ ސައިކަލަކާ އެވެ. އެ ސައިކަލްގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ތިބިއިރު އޭގެ ތެރެއިން އެކެއްގެ ސިކުނޑިއަށް ވަނީ ލޭއެޅިފަ އެވެ. އަދި އަނެއް މީހާގެ މޫނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.