ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސްއިން ހިންގަން ނިންމާފައިވާ މަޝްރޫއުއާ ގުޅޭ ގޮތުން ފިތުނަ ފަސާދަ އުފެދޭނެ ގޮތަށް މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެދިވަޑައިގެންފި އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން މިގޮތަށް ވިދާޅުވެފައި ވަނީ ރަސްމާލޭ މަޝްރޫއުއަކީ ރާއްޖޭގެ އިސްލާމީ ވަހުދަތަށް އޮތް ނުރައްކަލެއް ކަމަށާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބަދަލުގައި އެ މަޝްރޫއު ހިންގާ ކުންފުނީގެ ޗެއާމަން، އަލައްބާރުގެ އަމިއްލަ ސެކިއުރިޓީއަށް މުޅި ރަސްމާލެ ދީފައި އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ޒަމްޒަމް ފާރިޝް ކުރެއްވި ޕޯސްޓަކަށް ދެއްވި ރައްދެއްގަ އެވެ.
އިހުސާން ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ވެސް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިންގާނެކަމަށާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ގާނޫނީ ފުރިހަމަ ބާރު ވެސް އެތަންތަނަށް އޮންނާނެ ކަމަށެވެ. އަދި އެނޫން ގޮތަކަށް މި ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
އޭނާއަކީ ވެސް ރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކުރައްވައިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާ ވެސް ގެއްލުމެއް ލިބިދާނެކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"އަޅުގަނޑަކީ ވެސް މިރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއް. މިގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސްކަމެއް މިސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ހޯމް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަސްމާލޭގެ އެއްބަޔަކީ ރާއްޖޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ 200 އަށްވުރެ ގިނަ ރަށް މިހާރުވެސް އޮތްކަމަށް ވިދާޅުވެ އިހުސާން ވަނީ އެ ހުރިހާ ރަށެއްގައި ވެސް ސެކިއުރިޓީ ބަލަހައްޓަމުން ދަނީ އެބަޔަކު އަމިއްލައަށް ކަމަށް ވިދާޅުވެފަ އެވެެ.
އިހުސާން ވިދާޅުވީ އެހުރިހާ ތަނެއްގައި ވެސް ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ފުލުހުން ކުރާ ފަދައިން ރަސްމާލޭގައި ވެސް އެކަން އެގޮތަށް ކުރާނެ ކަމަށެވެ. އަދި އެ މަޝްރޫއުއެެއްގެ ބާވަތުން އެ މަސައްކަތްކުރަންޖެހެނީ ރަށުގައި ގާއިމުވެ ތިބި ބައެއް ނަމަ، އެކަން ކުރާނީ އެގޮތަށް ކަމަށާއި އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް މި ހުރިހާތާކުވެސް ދިވެހި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އައިސްފިނަމަ ފުލުހުން އެކަން ކުރޭ. ރަސްމާލޭގައިވެސް އެކަން ކުރާނެ. އަދި ޕްރޮޖެކްޓްގެ ބާވަތުން އެމަސައްކަތް ކުރަން ޖެހެނީ އެރަށުގައި ގާއިމުވެތިބެގެން ކަމަށްވާނަމަ އެކަން ކުރާނީ އެގޮތަށް. އެކަމަކަށް އެއްވެސް ހުރަހެއް ނޯންނާނެ،" ފޭސްބުކްގައި އިހުސާން ލިޔުއްވާފައިވެ އެވެ.
އެހެންވެ، ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވައި އިހުސާން ވަނީ ކަމުގެ މައުލޫމާތު ނޭނގޭ ނަމަ، އެނގޭ ފަރާތްތައް މެދުވެރިކޮށް މައުލޫމާތު ސާފުކުރަން އެދިވަޑައިގެންފަ އެވެ.
"މި ޕްރޮޖެކްޓާ ގުޅުވައިގެން ރައްޔިތުން ތެރޭ ފިތުނަފަސާދަ އުފެދޭނެހެން ދޮގުވާހަކަ ފަތުރަމުން ދާއިރު ގައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގު ވާހަކަ ނުފެތުރުމަށް ދަންނަވަން. ކަންކަމުގެ މައުލޫމާތު ނެތްނަމަ އެ މައުލޫމާތު އެނގޭ ފަރާތްތަކުން ސާފުކުރުމަށް ދަންނަވަން."
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ސަރުކާރުން އަންދާޒާކުރާ ގޮތުގައި އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.
މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެ އެއްބަސްވުމުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން ދޭ އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، މިއީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.