އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީންކުރަން ރާއްޖެ އާއި ބޭރުން މަތީ ތައުލީމް ހާސިލްކުރަން ސްކޮލަޝިޕަށް ހުޅުވާލައިފި އެވެ.

ނަރުހުންނާއި ޑޮކްޓަރުން ފިޔަވައި ސިއްހީ ދާއިރާގެ ޓެކްނިކަލް ގިނަ މަގާމުތައް ހިމެނެނީ އެލައިޑް ހެލްތު ޕްރޮފެޝަނަލްސްގެ ކެޓަގަރީގަ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޑިޕްލޮމާ، ބެޗެލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީއަށް ކިޔަވަން ހާއްސަ 955 ސްކޮލަޝިޕަށް މި އަހަރުގެ ޑިސެމްބަރު 31 ގެ ކުރިން 'ކުރި ޕޯޓަލް' އިން ފޯމު ހުށަހެޅޭނެ ކަމަށެވެ.

މި ދައުރުގެ ތެރޭގައި 1،500 އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

އެ ވައުދުގެ ތެރެއިން 250 ތެރަޕިސްޓުން ތަމްރީނުކުރަން މި އަހަރު ކުރީކޮޅު ހުޅުވާލި އެވެ. މި ފަހަރު ހުޅުވާލި 955 ފުރުސަތުގެ ތެރޭގައި ތެރަޕިސްޓުންނާއެކު އެލައިޑު ހެލްތު ޕްރޮފެޝަނަލްސްގެ ތެރޭގައި އިތުރު ދާއިރާތައް ވެސް ހިމެނޭނެ އެވެ.

މިނިސްޓްރީން ބުނީ އެ ސްކޮލަޝިޕްގެ ބޭނުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފައްދައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އޭގެ އިތުރުން، ސިއްހީ ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް އަދި ބޭރު ގައުމުތަކުގެ ސިއްހީ މާހިރުންނަށް ބަރޯސާވާންޖެހޭ މިންވަރު މަދުކޮށް، ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް އެއް ބޭނުމެވެ.