ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ފުރާވަޑައިގެންފި އެވެ،
މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ ގައުމަށް އެންމެ ފަހުން ދަތުރުފުޅެއް ކުރެއްވި ރާއްޖޭގެ ވެރިއަކީ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ 2015 ގަ އެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުންނަށް އެއާޕޯޓުން މަރުހަބާ ދަންނަވާނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް އެވެ. ރައީސަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދެންނެވުން ތާވަލް ކޮށްފައި ވަނީ މާދަމާގެ ހެނދުނުގަ އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ތާރީހީ ދަތުފުޅާ ގުޅިގެން 12 ވަރަކަށް އެމްއޯޔޫގައި ރާއްޖެ އާއި ޕާކިސްތާނުން ސޮއިކުރާނެ އެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން އެއްބަސްވުންތައް ހިމެނެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒްގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އިތުރުން އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ އެވެ. އަދި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ.
ރައީސްގެ ދަތުރުފުޅުގައި އެންމެ މުހިންމު އެއް ކަމަކީ ޕާކިސްތާނުގައި ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބޭއްވުމެވެ. ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސަތުތައް ކިޔައިދިނުމަށް ބާއްވާ މި ފޯރަމްގައި ރައީސް މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވެސް ރައީސް ބައްދަލުކުރައްވައި އެ އާއިލާތަކުގެ ވާހަތައް އަޑުއައްސަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ޕާކިސްތާނަށް މި ވަޑައިގަންނަވަނީ ދެ ގައުމުގެ މެދުގައި ހާރިޖީ ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައި ކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1966ގަ އެވެ.