ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ފައިސަލް ރަސުލް ލޯދީގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސަށް ފަތްކޮޅު ހަވާލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން ބޭއްވި ބައްދަލު ކުރެއްވުމުގައި ވަނީ ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި ސިއްހީ ދާއިރާ އާއި ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރިއާ ގުޅޭ ކަންކަން ހިމެނޭ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ޕާކިސްތާނުގެ އާ ސަފީރު ފައިސަލް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތަށް ތައުރީފް ކުރައްވައިފަ އެވެ.
ޕާކިސްތާނުގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އެރުވިއިރު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރުގެ މަގާމުގެ ފަތްކޮޅު ވެސް މިއަދު ވަނީ ރައީސަށް އަރުވައިފަ އެވެ.