ރައީސް އޮފީހާއި، މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "ހަސަން ޒިހާން ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއް، އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ" ކަމަށެވެ. އެހެންވެ، ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޒިހާން، ފޭސްބުކްގައި ޖެހި ސްޓޭޓަސް.
ޒިހާން، ފޭސްބުކްގައި ޖެހި ސްޓޭޓަސް.

 ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ޖެހި ޕޯސްޓުގައި ވަނީ އެކަން ކުރަން ހިތްވަރުދީފަ އެވެ.

"[ރޯކޮށްލައިފިއްޔާ] މަޖާވާނެ،" އޭނާގެ ސްޓޭޓަސްގައިވެ އެވެ.

ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ. 

ރޯކުރަން ހިތްވަރުދީ ސްޓޭޓަސް ޖެހި ޒިހާން.
ރޯކުރަން ހިތްވަރުދީ ސްޓޭޓަސް ޖެހި ޒިހާން.

އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތްކުރި ޒިހާން އެތަނުން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅު އެވެ. އޭރު އޭނާގެ ގާތް މީހުން ތުހުމަތުކުރި ގޮތުގައި ސިފައިންގެ އިން ވަކިކުރީ ސަރުކާރަށް ފާޑުކިޔާތީވެ އެވެ.

އޭގެ ފަހުން މި ސަރުކާރުން އޭނާ އަށް  ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނެވެ. ފަހުން މަގާމުން ވަކިކުރި އެވެ. އޭގެ ފަހުން އޭނާ އައީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.