ގ. ހިޔާ ރޯދީގައި ރޯކޮށްލި މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި ހުސެއިން ޝަހުބާނަށް ފަރުވާ ދޭން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން ފިލައިގެން އުޅެނިކޮށް ހޯދައި އަލުން ހައްޔަރުކޮށްފި އެވެ. 

މިދިޔަ މާޗް މަހު 18 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތުހުމަތަށް ހައްޔަރުކޮށް 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ހުރި އުމުރުން 29 އަހަރުގެ ޝަހުބާން ހުޅުމާލެ ހޮސްޕިޓަލަށް ރޭގެ ވަގުތެއްގައި ގެންދިޔައީ އަވަސްފަރުވާ ބޭނުންވާ ކަމަށް ބެލެވިގެން ގެންދިޔަ ވަގުތު އެވެ. 

ފުލުހުން ބުނީ އޭނާ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކަރެކްޝަނަލް ސާވިސްއާ މިހާރު  ހަވާލުކޮށްފައިވާ ކަމަށެވެ.

ޝަހުބާން ފެނުނީ ކޮން ތާކުން ކަމެއް އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. 

ކުށުގެ ރެކޯޑްތައް އޮންނަ ޝަހުބާން ހައްޔަރުކުރީ ހިޔާ ރޯދީގައި ރޯވުމުގެ ހައެއްކަ މިނެޓު ކުރިން އެ ގެޔަށް އޭނާ ވަންނަ ވީޑިއޯ ފުޓޭޖެއް އާންމުވި ފަހުންނެވެ. 

ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އެ ގޭގައި ރޯވީ މާޗް މަހުގެ 18 ވަނަ ދުވަހު ހެނދުނު 11 ޖަހަން އުޅެނިކޮށެވެ.