ގ. ހިޔާ ރޯދީގައި ރޯކޮށްލި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހުސެއިން ޝަހުބާން، ފަރުވާއަށް ހޮސްޕިޓަލަށް ގެންދިއުމުން ފިލައިގެން ހޯދަން ކަރެކްޝަނުން މިއަދު އިއުލާނުކޮށްފި އެވެ.
އުމުރުން 29 އަހަރުގެ ޝަހުބާން ހުރީ މިދިޔަ މާޗް މަހު 18 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތުހުމަތަށް ހައްޔަރުކޮށް 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފަ އެވެ.
ކަރެކްޝަނުން ބުނީ އޭނާ ފިލީ އަވަސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތަނާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަ ހުށަހަޅާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ނަމްބަރު 3322111 އަށް ރިޕޯޓުކޮށް ކަރެކްޝަނަށް އަންގަން ވަނީ އެދިފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އޭނާއަކީ ކުށުގެ ރެކޯޑުތައް އޮންނަ މީހެއް ކަމަށެވެ.
ހިޔާ ރޯދީގައި ރޯވުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެ އަށް ވަންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ގުދަނެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އެ ގޭގައި ރޯވީ މާޗް މަހުގެ 18 ވަނަ ދުވަހު ހެނދުނު 11 ޖަހަން އުޅެނިކޮށެވެ.
ފަހުން އެނގުނު ގޮތުގައި އެއީ ޝަހުބާން އެވެ. އެ ވީޑިއޯއިން ފެންނަނީ ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި ދިޔަ މީހަކު ވެހިކަލް ޕާކު ކުރުމަށް ފަހު، އެ ގެއަށް ވަންނަ މަންޒަރެވެ. ކަޅު އަވި އައިނެއް އަޅައިގެން ހުރި އެ މީހާ ލައިގެން ހުރީ ހުދާއި ކަޅު ކުލައިގެ ގޮޅިޖެހި ގަމީހެކެވެ.
ކުރިން ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި މޯރީގަރާޖާ ޖެހިގެން ހުންނަ ހަނި ގޯޅީގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލިއިރު އެ ތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.