ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފި އެވެ.

އެ ޔުނިވާސިޓީން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވީ އެމަނިކުފާނު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގަ އެވެ.

ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން ބުނީ ރައީސަށް މި ޝަރަފް އެރުވީ ސިޔާސީ އަދި ހާރިޖީ ދާއިރާއިން އެމަނިކުފާނު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖޭގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އިތުރުން އިސްލާމްދީނުގެ ދިފާއުގެ ކުރައްވާފައިވާ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމަކީ ވެސް މި ޝަރަފުގެ މަގުސަދެއް ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އޮނަރަރީ ޑޮކްޓަރޭޓްއާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ދެއްވި ތަގުރީރުގައި ވިދާޅުވީ ސިޔާސީ އަދި ހާރިޖީ ގުޅުންތަކުގެ ދާއިރާއިން އަރުވާފައިވާ މި ޝަރަފުވެރި ޑޮކްޓަރޭޓް ޑިގްރީއަކީ މުޅިން ތަފާތު އެހެން ކަމަކަށްޓަކާ ވެސް ވަރަށް މާނަހުރި އެއްޗެއް ކަމަށެވެ.

"މީގެ މުހިންމުކަން ބޮޑީ، މި ޝަރަފު އަޅުގަނޑަށް އެރުވުނު ކަމުގައި ވިޔަސް، މިއީ ދިވެހި ރައްޔިތުން ހޯދި ކާމިޔާބީއަކަށް ވާތީ. އަދި މި ޝަރަފު އަރުވާފައި ވަނީ ތިޔަބޭފުޅުންގެ މަތިވެރި ގައުމުގެ ގާތް ރަހުމަތްތެރިކަމުގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، އެ ޝަރަފު ގަބޫލުކުރައްވަނީ، އެ ޝަރަފަކީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި އޮތް ގާތް ގުޅުމަށް ޕާކިސްތާނުން ވަރަށް ހުރުމަތްތެރިކޮށް ހިތާކަމުގެ ރަމްޒެއް ކަމަށް ވާތީ އެވެ. 

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ 2015 ގަ އެވެ. އޭގެ ކުރިން ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ ހަމައެކަނި ވެރިއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެހެންވެ ރައީސް މުއިއްޒަކީ ޕާކިސްތާނަށް ދަތުރުފުޅު ކުރައްވާ ރާއްޖޭގެ ތިން ވަނަ ރައީސެވެ. 

އެެހެންވެ، ޕާކިސްތާނުން ވެސް ވަނީ ރައީސް މުއިއްޒުގެ ފުރަމާނަ ދަތުރުފުޅަށް ހާއްސަ އިސްކަމެއް ދީފަ އެވެ. ރަސްމީ ވާހަކަތަކާއި 20 އެމްއޯޔޫގައި ސޮއިކުރުމުގެ އިތުރުން ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ދެއްވާ ފަރިއްކޮޅު އޮންނާނެ އެވެ. 

ރައީސްގެ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބޭއްވުން ހިމެނެ އެވެ. 

މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރި ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާ ކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 26، 1966 ގަ އެވެ.