ވިލިމާލޭގެ އާ ހޮސްޕިޓަލް އިމާރާތް ކުރަން ފަށަން، ހިދުމަތްތައް ވަގުތީ ގޮތުން އަމާން ހިޔާ އިމާރާތަށް މިއަދު ބަދަލުކޮށްފި އެވެ. 

ހޮސްޕިޓަލް މިހާރު ހިންގާ ބިން ހުސްކުރަން، ހިދުމަތްތައް ބަދަލުކުރި ތަނަކީ ވިލިމާލޭގައި ކުޑަކުދިންގެ ހިޔާގެ ގޮތުގައި ކުރިން ހިންގި މަރުކަޒެވެ. 

ޗައިނާ ސަރުކާރުގެ އެހީގައި 112 އެނދުގެ ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން ނިންމާފައިވަނީ މިހާރު ވެސް ވިލިމާލެ ހޮސްޕިޓަލް ހިންގާ ތަނުގަ އެވެ. އެހެންވެ، އަމާން ހިޔާއަށް ހޮސްޕިޓަލްގެ ހިދުމަތްތައް ބަދަލުކުރީ އާ އިމާރާތް ނިމެންދެންނެވެ. 

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް މީގެ ކުރިން "މިހާރު"އަށް ވިދާޅުވީ، ވިލިމާލޭގެ އިމާރާތް ވަގުތީ ގޮތުން ބަދަލުކުރާނީ އެ ތަނަށް ބަދަލުތައް ގެނައުމަށްފަހު ކަމަށެވެ. އަދި މިހާރު ލިބޭ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް ހަލީމް އޭރު ވިދާޅުވި އެވެ.

ވިލިމާލޭގައި ހޮސްޕިޓަލެއް ހިންގިއަސް ލިބެނީ ވަރަށް މަދު ފަރުވާއެކެވެ. އެހެންވެ، ސަރުކާރުން އަންނަނީ ތިލަމާލެ ބްރިޖު މަސައްކަތް ނިންމައި އެ ސަރަހައްދުގައި މީހުން އާބާދުވާން ފަށަންވާއިރަށް ސިއްހީ ދާއިރާ ތަރައްގީ ކުރަމުންނެވެ.

އެ މަޝްރޫއުގެ ދަށުން ދެން ކުރިއަށް ގެންދާނީ ކޮންޓްރެކްޓަރެއް ކަނޑައަޅައި އަމަލީ މަސައްކަތް ފެށުމެވެ. 

ހޮސްޕިޓަލްގެ އާ އިމާރާތުގައި؛

  • އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތް ދޭނެ
  • ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ހާއްސަ ސަރަހައްދުތައް ހުންނާނެ
  • މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހުންނާނެ
  • ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރު ވެސް އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ