ކައިވެނީގެ ބޭރުން ވިހާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ ކައިވެނިން ބޭރުން އުމުރުން 37 އަހަރުގެ މީހަކު ވިހޭ މައްސަލައެއް މިދިޔަ ހޯމަ ދުވަހުގެ ރޭ ވިލިމާލެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ބެލިއިރު، އެ އަންހެންމީހާ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
"މި ރިޕޯޓާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، މަންމަ އާއި އަލަށް އުފަންވި ތުއްތު ކުއްޖާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައި. ހޮސްޕިޓަލަށް ގެނެސް ބެލިބެލުމުން، އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ވަނީ އެނގިފައި،" ފުލުހުން ބުންޏެވެ.
އެއަށްފަހު އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރު ވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ވިހެއި އެއްމާބަނޑު ދެ ކުދިންނަކީ ވެސް ފިރިހެން ކުދިންކަމަށާއި، ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.