މާލެއަށް ހުއްޓުމެއް ނެތި ރޭ ވެހުނު ވާރޭގައި ފެންބޮޑުވެ، 80 އަށް ވުރެ ގިނަ އިމާރާތަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެ އޮތޯރިޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ސަރުކާރުގެ އިމާރާތްތަކާއި ސްކޫލް އަދި ކްލިނިކް ހިމެނޭހެން ޖުމްލަ 89 ތަނަކަށް ފެން ވަދެގެން ރިޕޯޓުކުރި ކަމަށެވެ. އޭގެ ތެރޭގައި 33 ގެ ވެސް ހިމެނެ އެވެ.
އެހީއަށް އެދުނު އިތުރު ތަންތަނުގެ ތަފްސީލު؛
- ފިހާރަ: 35
- ކެފޭ / ރެސްޓޯރަންޓް: 6
- ސަރުކާރާއި އަމިއްލަ އެކި އިމާރާތް: 5
- ސްކޫލް: 4
- ކްލިނިކް: 2
- ގުދަން: 2
- އޮފީސް އިމާރާތް: 1
- ކޮންސްޓްރަކްޝަން ސައިޓް: 1
އެންޑީއެމްއޭއިން ރޭ ބުނީ ސިޓީ ކައުންސިލަށް 10،000 ބެލި ބަސްތާ ހަވާލުކުރި ކަމަށެވެ. އޭގެ ތެރެއިން، 31 ތަނަކަށް ރޭ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުންޏެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.