ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ހދ. ކުޅުދުއްފުއްޓަށް ރެއިން ފެށިގެން ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހެމުންދާތީ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ އެވެ.

އެ ރަށަށް ވާރޭ ވެހެން ފެށީ ރޭ 10:30 ހާއިރު އެވެ. މެދު ނުކެނޑި މި ވަގުތާ ހަމައަށްވެސް ކުޅުދުއްފުއްޓަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.

ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު "މިހާރު" އަށް ވިދާޅުވީ ވިއްސާރާގައި ގެއްލުންވެގެން މިހާތަނަށް 112 ގެއަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ ތެރެއިން ބައެއް ގެއަކީ ފެން ވަދެގެން އަނެއްބައި ގެ ތަކަކީ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ވެގެން، މިވަގުތުވެސް ބޯކޮށް ވާރޭ ވެހެމުންދާތީ އަދި އިތުރު ތަފްސީލެއް ނުލިބޭ. އެކަމަކު ބައެއް ގެތަކުން މީހުން ހުސްކޮށް ގެސްޓްހައުސްތަކުން ޖާގަ ލިބޭ ވަރަކަށް މީހުން ބަދަލު ވެސް ކުރަމުން މި ދަނީ،" އަލީ އަހުމަދު ވިދާޅުވި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ އެ ރަށުން މިހާތަނަށް 190 އަށްވުރެ ގިނަ ގެއިން ފެން ވަދެ ރިޕޯޓްކޮށްފައިވާ ކަމަށެވެ. 

އެ ރަށުގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ އާންމުކޮށް ވެސް ފެން ބޮޑުވާ ސަރަހައްދުތަކުގައި ކަމަށާއި އެއީ ކުރީގެ އަތޮޅު ކައުންސިލް އިދާރާ ހިމެނޭ ސަރަހައްދާއި އަފީފުއްދީން ސްކޫލު ހުންނަ ސަރަހައްދާއި ރަސްމީ ބޯޅަދަނޑު ސަރަހައްދުގަ އެވެ. އަދި ކޮމިއުނިޓީ ސެންޓަރުގައި ފެންބޮޑުވުމުގެ ސަބަބުން އެ ތަން ވަނީ ބަންދު ވެސް ކޮށްފަ އެވެ.

އެނޫން އެހެން ބައެއް ސަރަހައްދުތަކުގެ ގޭބިސީތަކުގައި ފެންބޮޑުވެ ގެއްލުންތައް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލާއި އެމްއެންޑީއެފް، ޕޮލިސް، އާރްޑީސީގެ އިތުރުން ވެސް އެހެން ބައެއް އިދާރާތަކާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ރަށުގެ ފަސް ސަރަހައްދެއްގައި ޕަމްޕު ބަހައްޓާފައިވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ. އޭގެ އިތުރުން މޫދާ ގުޅޭގޮތަށް ކޯރެއް ކަނޑާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ވަނީ ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ރިޕޯޓު ކުރުމަށް ވަގުތީގޮތުން ހޮޓްލައިނެއް ހަދައިފަ އެވެ. އެގޮތުން ފެންބޮޑުވެ އެހީތެރިކަމެއް ބޭނުންވެއްޖެނަމަ 6527211 ނަމްބަރާ ގުޅައި ރިޕޯޓްކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ލިބުނު ގެއްލުންތަކުގެ އެސެސްމެންޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ލިބިފައިވާ ގެއްލުންތަކުގެ ސާފު ފޮޓޯ ނެގުމަށްފަހު ސިޓީ ކުލުނު ވައިބާ ނަމްބަރު 7221621 އަށް މައުލޫމާތު ހިއްސާ ކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.