ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް މިއަދު ނެެރެފި އެވެ.

ބ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މެޓުން ނެރުނު ވައިޓް އެލާޓްގައިވާ ގޮތުން އެ ސަރަހައްދަށް އާއްމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.

މޫސުން ގޯސްވާނެ ކަަމަަށް އެ ލާޓްގައި ލަފާކޮށްފައި އޮތީ މިރޭ 11:00 އާ ހަމައަށެވެ.

އައްޑުއަށް މިއަދު ބޯކޮށް ވާރޭ ވެހި ފޭދޫގައި ފެންބޮޑުވުމުގެ ސަބަބުން 30 އަށް ވުރެ ގިނަ ގެތަަކަށް ފެން ވަދެފައި ވެ އެވެ. އޭގެ ތެރެއިން އެއް ގެއަށް ލިބުނު ގެއްލުން ބޮޑުކަމުން މީހުން ހުސްކުރަން ވެސް ޖެހުނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު ހެނދުނުން ފެށިގެން ގއ، ގދ، ފުވައްމުލައް އަދި އައްޑޫގެ ރަށްރަށަށް ބޯކޮށް ވާރޭވެހި އެކި ވަރުގެ ގެއްލުންތައް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓް ކުރުމާ ގުޅިގެން ހާލަތު މޮނީޓާ ކުރަމުން އަންނަ ކަމަށެވެ. 

އައްޑޫގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްތަކާއި ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެ އިދާރާ އިން ބުނިގޮތުގައި، މިހާތަނަށް އައްޑޫ ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދެ މީހަކު ހިމެނޭހެން، ޖުމްލަ 8 މީހަކު ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމުގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.