އަބްދުﷲ ރަމްޒީ ނުވަތަ އާއްމު ނަމުން ނަމަ ޒުވާން ދަނޑުވެރިޔާގެ އޮތީ ހަތަރު ހުވަފެނެކެވެ. އޭގެ ތެރެއިން ތިން ކަމެއް ހާސިލްކޮށްފި އެވެ. އެއީ، ފުޅާ ދާއިރާއެއްގައި ޑްރެގަންފްރުޓާއި ކިއުކަމްބާ ހެއްދުމެވެ. އެ ކާމިޔާބީއަށް އެންމެ ފަހުން އިތުރުވި ކޮފީގަހާ އެކު ރަމްޒީއަށް ވަނީ ބޮޑު ޝަރަފެއް ލިބިފަ އެވެ.
ސ. މީދުއަށް އުފަން ރަމްޒީ އިއްޔެ "މިހާރު" އަށް ބުނީ އަމިއްލަ ދަނޑުގައި ކޮފީ ގަހެއް އިންދުމަކީ 2020 ވަނަ އަހަރުން ފެށިގެން އޭނާ ދުށް ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އެހެންވެ، ޕާކިސްތާނުން ކުޑަ ކޮފީ ގަހެއް ގެނެސް ހެއްދޭތޯ ވެސް ބެލި އެވެ. އެކަމަކު، ރާއްޖޭގެ މާހައުލާ ނުގުޅޭތީ އެކަން ކާމިޔާބީއެއް ނުވި އެވެ.
އެ ހިސާބުން ރަމްޒީ ހުއްޓައެއް ނުލި އެވެ.
ސްރީ ލަންކާއަށް 2022 ވަނަ އަހަރު ކުރި ދަތުރެއްގައި ކޮފީ ދަނޑަކުން ގެނައި ކުދި ގަސްތައް ބޮޑުކުރަން އެތައް ވަގުތެއް ހޭދަކުރި އެވެ. ރާއްޖޭގެ ތިމާވެއްޓާ ގުޅޭގޮތުން އެ ގަސްތައް ހައްދަން ފުރަތަމަ ބެހެއްޓީ ބަންދު ތަނެއްގަ އެވެ. އެއްކޮށް އައްވަށް ނެރެވޭ ހިސާބަށް ދިޔައީ ވެސް 2024 ހިސާބުގަ އެވެ.
"ފުލް ސަންއަށް ނެރެފައި ވެސް މަހަކު އެއްފަހަރު ވެއްޔަށް އެޖެސްޓްމަންޓް ގެންނަން ޕީއެޗް ބެލެންސް ކުރަން. މިދިޔަ އަހަރު މާ އަޅަން ފަށައިފި އެ ގަސްތަކުގައި،" ރަމްޒީ 41، ބުންޏެވެ.
އޭނާ ބުނި ގޮތުގައި، އެ ދަނޑުގައި މާބުރު ނޫޅޭތީ މާ އެޅުމުގައި ލަސްތަކެއް ދިމާވި އެވެ. އެހެންވެ، އެކަމުގެ ހައްލަކަށް ރަމްޒީއަށް ފެނުނީ އެ ކޮފީ ގަސްތައް ކައިރީގައި މާބުރު ގަޔާވާ ކަހަލަ މާ ގަސްތަކެއް ބެހެއްޓުމެވެ. އެގޮތަށް ބެހެއްޓުމުން މާބުރު އަންނަން ފަށައި، އެއްގޮފި އަނެއް ގޮފި ޖައްސައި ޕޮލިނޭޓްކުރި އެވެ.
އޭގެ ފަހުން ހަތް ގަހުގެ މާތައް ހަރުވެ، މިހާރު ވަނީ ކޮފީ ބީންސްއަށް ބަދަލުވެފަ އެވެ.
އަދި ހައެއްކަ މަސް ވަންދެން ބެހެއްޓުމަށް ފަހު، އެ ބީންސްތައް ރޯސްޓުކޮށް، އަމިއްލައަށް ކޮފީ ތަޖުރިބާކުރަން ރަމްޒީ މިހާރު ހުރީ ކެތްމަދުވެފަ އެވެ.
"މީހުން ބުނޭ ރާއްޖޭގެ މާހައުލޭ ގުޅޭގޮތަށް ހެއްދީމާ ދިވެހިންނަށް ރަހަ މާ މީރުވާނެ ކަމަށް،" އޭނާ ބުންޏެވެ.
ރަމްޒީ ބުނީ އެ ކޮންމެ ގަހަކުން އިތުރު 10 ގަސް ހެއްދޭނެ ކަމަށެވެ. އަދި ރާއްޖޭގައި އަލަށް ހެއްދި ކޮފީ ގަހާއެކު ވެސް ވިޔަފާރިއަކަށް މިކަން ވޭތޯ ބެލުމަކީ އޭނާއަށް ދެން އޮތް ޓާސްކެވެ.