މީހުން

އެނބުރެމުން ގޮސް ދަނޑަށް، މިހާރު އެއީ "ޒުވާން ދަނޑުވެރިޔާ"

ރަމްޒީ ބުނާ ގޮތުން އޭނާ މިހާރު ތައްޔާރު ވަނީ އޭނާގެ "ހުވަފެނީ މަޝްރޫއު" ފެށުމަށް. އެއީ ރާއްޖޭގެ ދަނޑުވެރިކަމަށް ހުރިހާ ގޮތަކުން ވެސް އިންގިލާބެއް އަންނަ ވަރުގެ މަޝްރޫއަކަށް ވާނެ ކަމަށް އޭނާ ބުނޭ.

ރަމްޒީ: އޭނާގެ ދަނޑުގައި ހައްދާފައިވާ ކިއުކަންބާ ގަސްތަކުގެ ތެރޭގައި ހުއްޓިލައިގެން.-- ފޮޓޯ: އަބްދުﷲ ރަމްޒީ

18 ސެޕްޓެމްބަރ 2021 - 10:13

30 comments

އަބްދުﷲ ރަމްޒީ އަކީ އަސްލު ކާކުކަން ކިޔައިދޭން އޮތް ލިސްޓު ވަރަށް ދިގެވެ. އޭނާގެ ތައާރަފަކަށް، ހަމައެކަނި "ޒުވާން ދަނޑުވެރިޔާ"އޭ ބުނެ، ނިންމއިލެވޭކަށް ނެތެވެ. އުމުރުން 37 އަހަރުގައި މިހާ ހިސާބަށް އާދެވުމުގެ ފަހަތުގައި ވަރަށް ގިނަ ކަންތައްތަކެއް، ވަރަށް ވާހަކަތަކެއް އެބަހުއްޓެވެ.

ފުރާވަރު އޭނާ ފެށީ ޖޫނިއާ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ގައުމީ ޖޫނިއާ ޓީމުގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށަށް ކުޅުމުގެ އިތުރުން އޭނާ ވަނީ ކްލަބް ވެލެންސިއާ އާއި އައްޑޫގެ އައިލެންޑް ފުޓްބޯލް ކްލަބް (އައިފެފްސީ) ގެ ފުރަތަމަ ޑިވިޝަންގެ ޓީމުގައި ވެސް ކުޅެފަ އެވެ. މިހާރު އޭނާ އަކީ، މުޅި ރާއްޖެ އެންމެންހެން ދަންނަ "ޒުވާން ދަނޑުވެރިޔާ" އެވެ. ޓްވިޓާގައި މަޝްހޫރުވެފައިވާ ސްމާޓް ދަނޑުވެރިކަމުގެ ފަހަތުގައި ހުރީ އޭނާ އެވެ.

ގޮސް ހަރުލީ ދަނޑުގައި!

މާލޭގައި ކުރީގެ އެމްއީއެސް އިން ސާނަވީ ތައުލީމު ނިންމައި، އޭނާ އެންމެ ފުރަތަމަ އުޅުނީ ގްރެފިކް ޑިޒައިނަރަކަށެވެ. އިންޑިއާ އިން ގްރެފިކް ޑިޒައިނިން ކޯހެއް ހަދައި، ރާއްޖެ އައިސް ވަޒީފާ އަށް ވަނީ ނޮވެލްޓީ އަށެވެ. އެތަނުގައި ދުވަސްކޮޅު އުޅުމަށް ފަހު، މާލޭގައި ދިރިއުޅެން ހަރަދު ބޮޑުވުމުން ބަދަލުވީ އުފަން ރަށް، އައްޑޫ މީދު އަށެވެ. ރަށަށް ބަދަލުވިތަނާހެން އޭނާ އަށް އެ ރަށުގައި ހުންނަ ސ. އަތޮޅު މަދަރުސާ އިން ސްޕޯޓްސް ކޯޑިނޭޓަރެއްގެ ވަޒީފާ ލިބުނެވެ.

ރަމްޒީގެ ދަނޑުގައި ހުންނަ ގްރީން ހައުސްގައި ޗައިނީސް ކިއުކަންބާ ހައްދައިފައި.-- ފޮޓޯ: އަބްދުﷲ ރަމްޒީ

އެ ވަޒީފާގައި ހުއްޓާ އޭނާ އަށް އާ ހުށަހެޅުމެއް ލިބި، ހެރަތެރަ އައިލެންޑް ރިސޯޓުގެ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރަކަށް ބަދަލުވި އެވެ.

"ވަރަށް ޒުވާން އުމުރުގައި މި ހުރިހާ ކަމެއްގެ ތެރޭގައި އުޅެވުނީ،" ރަމްޒީ ކިޔައިދިނެވެ.

އެ ވަޒީފާގައި އުޅެފައި ރަމްޒީ ދެން ވަނީ ފުލުހުންގެ އިދާރާ އަށެވެ. ޕޮލިސް އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި ހަތަރު އަހަރު އޭނާ ހިދުމަތް ކުރި އެވެ.

"ޕޮލިހުން ކެނޑުނުއިރުގައި ބޮލުގައި އިނީ ދަނޑުވެރިކަމުގެ ރަނގަޅު ޕްރޮޖެކްޓެއް ފަށަން. އެގޮތުން ބެލިއިރު އެކަމަށް ދާ ހަރަދު ވަރަށް ބޮޑު. އެކަމަކު ވެސް ބޭނުންވީ އަމިއްލަ މަސައްކަތުން ވިޔަސް، ފައިސާ ހޯދައިގެން މިކަން ކުރަން،" މިހާރު އައްޑޫ މީދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާގައި ހުރި ރަމްޒީ ބުންޏެވެ.

ދަނޑުވެރިކަން ފަށަން ކުރާނެ ހަރަދު ހޯދަން އޭނާ މަސައްކަތް ކުރީ ރިސޯޓެއްގައި ބަޓްލަރަކަށެވެ. އެކަމުން ރަނގަޅު އާމްދަނީއެއް އޭނާ އަށް ލިބުނެވެ. ދެ އަހަރާއި ބައި އެ ވަޒީފާގައި ހުރެފައި، ފައިސާ އެއްކޮށްގެން އެނބުރި ރަށަށް ދިޔަ ދުވަހު، އެންމެ ފުރަތަމަ ވެސް ދިޔައީ ރަށު އޮފީހަށެވެ. އެއީ އޭނާ ދަނޑުވެރިކަން ކުރަން ބޭނުންވާ ބިން ހޯދުމަށެވެ. އެއީ މީގެ ތިން އަހަރު ކުރިން، ފެބްރުއަރީ 2018 ގަ އެވެ.

ރަމްޒީގެ ދަނޑުގައި ޑްރެގަން ފުރުޓް ގަސްތައް ހައްދައިފައި.-- ފޮޓޯ: އަބްދުﷲ ރަމްޒީ

އެ ރަށުގައި ކައުންސިލުން ދަނޑުވެރިކަމަށް ދޫކުރާ ބިންތައް އޮވެ އެވެ. އުސޫލެއްގެ ދަށުން ކޮންމެ މީހަކަށް 20،000 އަކަފޫޓުގެ ބިމެއް، ކުލި ދައްކަން ނުޖެހޭ ގޮތަށް ދަނޑުވެރިކަން ކުރަން ލިބެ އެވެ.

އެ ބިން ލިބުމާ އެކު، އެންމެ ފުރަތަމަ ވެސް އެތަން އޮންނާނެ ގޮތް އޭނާ ކުރެހި އެވެ. ގްރެފިކް ޑިޒައިނިންގައި އުޅެފައި ހުރީތީ އޭނާ އަށް އެކަން މާ އުނދަގުލެއް ނުވި އެވެ. އޭނާ ބޭނުންވީ ދުރާލައި ވަރަށް ގިނަ ޕްލޭންތައް ހަދައި، ރާއްޖޭގައި އާންމުކޮށް މީހުން ކޮށް ނުޅޭ ކަހަލަ ތަފާތު ދަނޑުވެރިކަމެއް ކުރާށެވެ. މަސައްކަތް ފެށީ 80،000ރ.ގެ އިންވެސްޓްމަންޓަކުންނެވެ.

ރަމްޒީ ވަނީ 2012 ވަނަ އަހަރު ޖަޕާނުގެ ވެރިރަށް ޓޯކިއޯ އިން ކޮލިޓީ އެންޑް ސޭފްޓީ މެނޭޖްމަންޓުން ފާމް ޕްރޮޑަކްޓްސް ކޯހެއް ވެސް ހަދައިފަ އެވެ. މީދޫ ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ލިބުނު އެ ފުރުސަތުގައި މި ކޯސް ފުރިހަމަ ކުރުމުން، ދަނޑުވެރިކަމަށް ބޭނުންވާ ދިރާސާތަކާއި މަސައްކަތް ކުރުމުގައި އޭނާ އަށް ވަރަށް ފަސޭހަވެ އެވެ.

ދަނޑުވެރިކަން ކުރަން ފެށުމުގެ ކުރިން ކުރި ދިރާސާތަކަށް ފަހު، އޭނާ އަށް އެންމެ ކަމުދިޔައީ ގަސް ބަލިކޮށްލާ ޒާތުގެ ސޫފާސޫފީތަކުން ވާ އުނދަގޫ ކުޑަ ގަސްތައް ހެއްދުމެވެ. އެންމެ ބަލި ކުޑަކޮށް ހެއްދޭނީ ކޯއްޗެއްތޯ އާއި ރާއްޖޭގެ މަހާއުލާ އެންމެ ގުޅޭނީ ކޯއްޗެއްތޯ ބެލި އެވެ.

އޭގެން އެކައްޗަކަށް ހިޔާރުކުރީ ޑްރެގަން ފުރުޓެވެ. ދެވަނަ އެއްޗަކީ ޖުމްހޫރީ މޭވާ އެވެ. ފޭރާއި ކިއުކަންބާ ވެސް ހައްދަ އެވެ. މޭބިސްކަދުރު ވެސް ހައްދަން ފަށައިފި އެވެ.

ރަމްޒީގެ ދަނޑުގައި ޑްރެގަން ފުރުޓް ގަސްތައް ހައްދައިފައި.-- ފޮޓޯ: އަބްދުﷲ ރަމްޒީ

"ޑްރެގަން ފްރުޓް ފާމިން އަށް ބޭނުންވާ ކޮންކްރީޓު ތަނބުތަކާ އެއްޗެހި އަޅައިފައި ފާމް ލޭޔައުޓް ހަދައި، އެ އެއްޗެހި އިންސްޓޯލްކޮށްފައި އިންޑިއާ އިން ގެނައީ އޭގެ މަދަ ޕްލާންޓެއްގެ ކުރިތަކެއް،" އިންޑިއާގެ ފާމިން ކޮމިއުނިޓިއަކާ ގުޅިގެން ކުރި އެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށް ބުންޏެވެ.

މި ގަސްތައް ހައްދައިގެން، އެ ފޯދުނުތާ މިހާރު ދޮޅު އަހަރުވީއިރު، އެއް ފަހަރު އެއިން މޭވާ ވެސް ލިބިއްޖެ އެވެ. ރަމްޒީ ބުނީ އޭގައި އަޅާ ކޮންމެ މޭވާއެއްގައި 600 ގުރާމުގެ ބަރުދަން ހުންނަ ކަމަށެވެ. މި ގަސް ރަނގަޅަށް ހެދުމުން، ދޭއް ނުވަތަ ތިން އަހަރު ފަހުން އާންމުކޮށް ކޮންމެ އަހަރު ދެތިން ފަހަރު މޭވާ ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

"މިއީ ހަނަފަސް ތަންތަނުގައި ހެދޭ ގަހަކަށް ވީމަ، ރާއްޖޭގެ ފިނިހޫނުމިނާ ވެސް ގުޅޭ،" އޭނާ ބުންޏެވެ.

ޑްރެގަން ފުރުޓުން ރަނގަޅު އާމްދަނީއެއް ލިބެންދެން އޭނާ ހައްދަމުން އައީ ޖުމްހޫރީ މޭވާ އެވެ. އެއީ ފަސޭހައިން ހެދޭ އެއްޗަކަށްވެފައި މާކެޓް ވެސް އޮތް އެއްޗެކެވެ. ޖުމްހޫރީ މޭވާއާ ގުޅޭ ދިރާސާ އޭނާ ހެދިއިރު އެނގުނީ އާންމު ގޮތެއްގައި ތިން މަސް ދުވަހުގެ ތެރޭގައި އެ ފޯދި، މޭވާ އަޅާ ކަމެވެ. އަދި އެ ރަނގަޅަށް ބެލެހެއްޓިއްޖެ ނަމަ ތިން އަހަރު ވަންދެން، އެއް ގަހުން ހަމަ އެއް ކޮލިޓީއެއްގައި މޭވާ ލިބޭނެ އެވެ.

ރަމްޒީ ހައްދާ ޖުމްހޫރީ މޭވާގެ މުޑުވައް އޭނާ ގެނައީ ތައިލެންޑުންނެވެ. އޭގެ ރަތާއި ރީނދޫ ކުލަ ގެނަ އެވެ. މިހާރު އެ ގެނައި ފަހުން ދެ އަހަރުވީއިރު، ގާތްގަނޑަކަށް ތިން ޓަނަށް ވުރެ ގިނައިން ޖުމްހޫރީ މޭވާ އަޅައިފި އެވެ. އޭނާ މިހާރު އަންނަނީ އާ އެއްޗެއް ވެސް އަޖުމަ ބަލަމުންނެވެ.

"އެ ދޭތީގެ އިތުރުން ގޯވާ [ފޭރު] ގްރާފްޓިން މިހާރު މި ބަލަނީ. އޭގެ ތައި ޕިންކާއި ވައިޓް އެބަ ގެންގުޅެން،" އޭނާ ބުންޏެވެ.

ރަމްޒީގެ ދަނޑުގައި ހައްދާ ޕެޝަން ފުރުޓުތައް ގަހުން ބިނދެފައި.

އޭނާގެ ޑްރީމް ޕްރޮޖެކްޓް ކުރިއަށް

ޑްރެގަން ފުރުޓުން އަދި އެންމެ ރަނގަޅު އާމްދަނީ ނުލިބުނަސް، ޖުމްހޫރީ މޭވާ އިން ރަނގަޅު އާމްދަނީއެއް އޭނާ އަށް ލިބެ އެވެ. މިވަގުތު އޭނާ ހައްދާ އެއްޗެހި މާކެޓު ކުރަނީ ރަށަށް އެކަންޏެވެ. ރަށުގެ ބައެއް ރެސްޓޯރެންޓުތަކަށް އޭނާ މި އެއްޗެހި ސަޕްލައިކުރެ އެވެ. ކޮންމެ ހަފުތާ އެކު 20-30 ކިލޯގެ މޭވާ ގެންދެ އެވެ.

ރަމްޒީ މިހާރު ބޭނުންވަނީ އެއަށް ވުރެ ވެސް އޭނާގެ މަސައްކަތް ފުޅާކުރާށެވެ. އެކަން ކުރެވެން އޮތީ އޭނާގެ "ޑްރީމް ޕްރޮޖެކްޓް" ހަގީގަތަކަށް ހެދިގެންނެވެ. އޭނާ ބޭނުންވާ "ސްމާޓް" ދަނޑުވެރިކަން ކުރިއެރުވެނީ އޭރުންނެވެ.

"މިތަނުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ހަރަދުގެ މައްސަލަ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ހުންނަނީ ސަރުކާރުން ސަބްސިޑީ ދީގެން މިކަން ކޮށްފައި،" ރަމްޒީގެ އޮތް ކަންބޮޑުވުމެއް ހިއްސާކުރި އެވެ.

"ރާއްޖެ އަށް ވެސް އިންގިލާބެއް ގެނުވޭ ވަރުގެ ދަނޑުވެރިކަމުގެ ޕްރޮޕޯސަލްއެއް ހަދަމުން މިދަނީ،" އޭނާ ބުންޏެވެ.

ރަމްޒީގެ ދަނޑު: ޑްރެގަން ފުރުޓާއި ޕެޝަން ފުރުޓާއި ކިއުކަންބާއި ފޭރު އޭނާ ހައްދާ.-- ފޮޓޯ: އަބްދުﷲ ރަމްޒީ

އެ ޕްރޮޖެކްޓަށް އޭނާ ދީފައިވާ ނަމަކީ "ސްމާޓް ފާމިން" އެވެ. މި ޕްރޮޖެކްޓުގައި ހިމެނެނީ ގްރީން ހައުސްތަކެއްގައި އޮޓޯ ޕޮޓް ސިސްޓަމެއް ބަހައްޓައިގެން ޗައިނީސް ކިއުކަންބާ ހެއްދުމެވެ. އޭނާ އަމިއްލަ އަށް ވެސް މިހާރު އަންނަނީ އޮޓޯ ޕޮޓްގެ އަޖުމަ ބަލަމުންނެވެ. އެކަން ވެސް ވަރަށް ކާމިޔާބެވެ.

"ސަތޭކަ ޕަސެންޓް ކާމިޔާބު. މި ޕްރޮޖެކްޓާ އެކު މާސް ޕްރޮޑަކްޝަނަށް ދާން އަޅުގަނޑު ބޭނުންވީ،" އޭނާ ބުންޏެވެ.

އޭނާގެ މި ހުވަފެން ހަގީގަތަކަށް ހެދެން އޮތީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް އޭނަ އަށް ލިބިގެންނެވެ. އެއީ ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރަން، މި ޕްރޮޖެކްޓަށް ގާތްގަނޑަށް ތިން މިލިއަނެއްހާ ރުފިޔާ ހޭދަވާނެތީ އެވެ. މިކަމާ ބެހޭގޮތުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި އެގްރިކަލްޗާ މިނިސްޓްރީ އަދި ރައީސް އޮފީހާ ވެސް މިހާރު ވާހަކަދެއްކެވިފައި ވުމުން، އޭނާ ހުރީ މިކަން ކުރެވޭނެ ކަމުގެ ފޮނި އުއްމީދުގަ އެވެ.

މިހާރު މިއީ "އާއިލާގެ ދަނޑެއް"

ރަމްޒީ އެންމެ ފުރަތަމަ ދަނޑުވެރިކަން ކުރަން ފެށީ އޭނާ އަށް ލިބުނު ބިންކޮޅުން ވިޔަސް، މިހާރު އެ މަސައްކަތް ކުރަން އޭނާގެ ދަނޑުގެ އިތުރުން މިހާރު ތިން ދަނޑެއް އޮވެ އެވެ. އޭނާގެ މަންމަ އާއި ބޭބެ އާއި ކޮއްކޮގެ ނަމުގައި ނަގައިފައިވާ އެ ބިންތަކާ އެކު އޭނާ ދަނޑު ހައްދަން 70،000 އަކަފޫޓުގެ ސަރަހައްދެއް އޮވެ އެވެ. މި ހުރިހާ ތަނެއް އޮންނަނީ ޖެހިޖެހިގެންނެވެ.

މި މަސައްކަތުގައި އާއިލާ އެންމެންގެ އެއްބާރުލުން އޭނާ އަށް ލިބެ އެވެ. އޭނާ އެކަނި ދަނޑުގައި ކުރާ މަސައްކަތަށް އަތް ގާތް ކޮށްދޭން ތިބެނީ އާއިލާގެ މެމްބަރުންނެވެ.

"އެ މީހުންނަށް ވެސް ދަނޑުގައި އިންނާނެ ކުޑަ ކޯނާއެއް ހަދައިފައި. އެ މީހުން ވެސް ކޮންމެސް އެއްޗެއް ހަދަން. މިކަމަށް އެ މީހުން ވެސް ޝައުގުވެރި ކުރުވަން،" ރަމްޒީ ބުންޏެވެ.

"މިކަން ފެށުނީއްސުރެ އެންމެ ބޮޑަށް އެހީއެއްވާ އެކަކަކީ އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު."

ޒުވާން އުމުރުގައި ތަފާތު އެކި މަސައްކަތްތައް ތަޖުރިބާ ކުރަމުން އަޔަސް، ރަމްޒީ ގަބޫލުކުރާ ގޮތުގައި އޭރާއި މިހާރު މާ ބޮޑު ތަފާތެއް އޭނާ އަކަށް ނެތެވެ. މިހާރު ވެސް ގަވާއިދުން ފުޓުބޯޅަ ކުޅެންދެ އެވެ. މީހުންނަށް ގްރެފިކް ޑިޒައިނިންގެ މަސައްކަތް ވެސް ކޮށްދެ އެވެ. ދަނޑުވެރިކަމުގައި އެހެން މީހުންނަށް ވެސް އެހީތެރިވެ އެވެ. އެ ހުރިހާ ތަޖުރިބާއެއްގެ ބޭނުން އަދިވެސް އާންމު ދިރިއުޅުމުގައި ހިފޭތީ އެ ތަފާތު އޭނާ އަށް އިހުސާސް ނުވަނީ ކަމަށެވެ.

ދެން އޮތީ ގަހުގެ ކަންކަމެވެ. އެއަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް އޭނާއަކަށް ނެތެވެ.

"އެއް ގަސް ހައްދައިގެން، އެ ގަހުން ނަތީޖާ ފެންނަން ބޭނުންވެގެން މީހާ އަބަދު ވެސް ހުންނަނީ އެ ގަހުން މޭވާ ލިބޭނީ ކޮން ދުވަހަކުތޯ ބަލަން ކެތްމަދު ވެފައި، ހިތް އަވަސްވެފައި،" އޭނާ ބުންޏެވެ.

30 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 6%
icon angry icon angry 0%
icon wow icon wow 2%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއްކަލަ އިބުރާ

17 January 2022

މީދޫ މީހަކު މިވަރަށް ކުރި އަރާތަން ފެނުމުން ފަޚުރުވެރިވޭ. ސާބަސް ރައްމު. ދަނޑުވެރިކަމަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވޭނެ މަސައްކަތެއް. ސަރުކާރުން ކޮންމެ ފަޅު ރަށެއްގައި ރިސޯޓް ހެދުމުގެ ބަދަލުގައި ހަކުރު އުފައްދަން އުއްދަނޑި، ހަނޑޫ ދަނޑު ނަހައްދަނީ ކީއްވެ؟ ވަށައިގެން އޮތީ ކަނޑު، ލޮނު ނުއުފެއްދްންވީ ކީއްވެ؟ ރާއްޖޭގެ އެންމެންނަށް ފުދޭވަރަށް މި އެއްޗެހި ހެއްދިދާނެ. ރައްޔިތުންނަށް ހެޔޮ އެދޭ ވިސްނޭ ވެރިން ނެތީ.

The name is already taken The name is available. Register?

މަޒް

19 September 2021

ބަލަ ނިކަން ހަތްދިހަ އަށްޑިހަ ހާސް އަކަ ފޫޓުގެ ބިން އެއޮތީ ވިޔަފާކުރަން ލިބިފަ.. ހަމަ ގައިމުވެސް ކުލި ވަރަށް ކުޑަވީމާ ހަމަ އެކަނި ރަށަށޤ ސަޕްލައިކޮށްގެން އެ ހިފައްޓަނީ.. މާލޭގެ ރައްޔިތުންނަށް ހަމަ ނެތީދޯ މިކަހަލަ ކަމެއް ކުރަންވެސް ފުރުސަތު؟ ބަލަ މާލޭގައިވެސް އެބަ ތިއްބޭ ސުމާޓު ދަނޑުވެރިން..

The name is already taken The name is available. Register?

ވަރުވަ

19 September 2021

އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހޭ! މުޅިން ހިލޭ އޮންނަނީ ! އެކަމަކު މިހާރު ދެކުނު ނިޒާރު މޭޔަރު ކަމަށް އައިސް އެބައުޅޭ ދަނޑުވެރިން އަތުން ދިޔަފެލަން

The name is already taken The name is available. Register?

ތޮށަލިތަކުރު

19 September 2021

މާލޭމީހުންނަށް އޮތް ފުރުޞަތު ކުޑަހެއްޔެވެ. ބޭނުންވަރަށް ބުރިބުރިއަށް ނަގާފައި ކުއްޔަށް ދީގެން އަތުން ކަމެއް ނުކޮށް ބުރައެއް ނޫފުލާ ލާރި ލިބުނީމާ ދަނޑުވެރިކަމުގެ ބުރަ އުފުލައިގެން ލިބޭ މަދު މިންވަރަށްވުރެ މާބޮޑަށްވެސް ރަނގަޅެއްނޫން ބާވައެވެ. ލިބޭ ނިޢުމަތަށް ޝުކުރުކުރަން ދަސްކޮށްބަލާށެވެ.

The name is already taken The name is available. Register?

ކައްކާ

20 September 2021

މާލޭމީހުން އެތިބީ އަހަރަކު ދޮޅަކަށް ރާއްޖޭގެ އަތޮޅުތަކުގެ ހުރިހާ ފަޅުރަށެއް އަތުލައިގެން ދަނޑުވެރިކަންކުރުމުގެ ނަމުގަ، ރަށްތައް ޕަކަޅާކޮށްގެން ހޮލިޑޭހޯމް ހަދައިގެން ތިބެނީ، ފެންނަން ހުންނަނީ ބާލިދީގަނޑެއްގަ ހުންނަ ދެތިން މިރުސްގަސް.

The name is already taken The name is available. Register?

ނަންސު

18 September 2021

މަސައްކަތް ވަރައް ފުރިހަމަވެފަ ވަރައް ހިއްގައިމު މިގޮތައް ފުޅާ ދާއިރާއެއް ގަ ދަނދުވެރިކަން ކުރެވޭނަމަ ރައް ރަށައް ކޮންމެސް ވަރަކައް ބަޔޯ ފިއުލް ވެސް އުފެއްދިދާނެ ނުންތޯ. ތިމާވެއްތަށް ކޮންމެސް ރަނގަޅު ގޮތެއް. އަނެއްކަ ވަޒީފާވެސް އުފެއްދިފަ ކާބޯތަކެތި އެތެރެ ކުރަން ބޭރުފައިސާ ބޭރުކުރުން ވެސް ދައް ކުރެވޭނެ ނޫންތޯ ސަރުކާރުް މިފަދަ ކަންކަން ކުރުމައް މަގުފަހި ކޮއްދޭން އެބަ ޖެހޭ އޭރުން ނުޖެހޭނެ އެންމެން މާލެ އައް ބަރޯސާ ވާކައް ވެސް

The name is already taken The name is available. Register?

ގެންދާނެއޭ

18 September 2021

ރާއްޖޭގައި ވެސް ދުނިޔޭގައި ވެސް ޓްރެޑިޝަނަލް މެތަޑް އަށް ފަސްގަނޑު ފާރޓިލައިޒް ކޮށްގެން ދަނޑުވެރިކަން ކުރުމަށް ނިމުމެއް އަންނާނެއޭ 2030 ވަނަ އަހަރު މިހާރު އެކަން ފެނިގެންދަނީ ޖަޕާން އަދި ސިންގަޕޯރ އިން ރާއްޖެ ވެސް ޖެހޭނީ މިމަގުން ދަތުރު ކުރަން ސަރުކާރުން ދަނޑުވެރިކަމުގެ ތެރެއަށް މާބޮޑަށް ނުބޭނި މާލެ ސަރަހައްދުން ބިންތައް ދޭންވީ ދިގު މުއްދަތަަށް އެކަން ކުރަން ބޭނުންވާ އަމިއްލަ ކުންފުނި ތަކަށް އެއިރުން އެމެން އެތަނުގައި ވާރޓިކަލް ފާރމިންގް ކުރިއަށް

The name is already taken The name is available. Register?

މަކަރުވެރި މާލެ

19 September 2021

ދަނޑުވެރިކަން ވެސް މާލޭ ސަރަހައްދަށް ގެނައުމަށް ދަހިވެތި ރޭވުންތައް ރާވަނީދޯ؟ އަތޮޅުތަކުގެ ރައްޔިތުންނަށް އެކައްޗެއްވެސް ލިބުނަކަ ނުދޭނުދޯ؟

The name is already taken The name is available. Register?

އެޓްލާންޓާ

18 September 2021

ރާއްޖޭގެ ޒުވާނުންނަށް ދަނޑުވެރިކަން ކުރުމަށް ޓަކައި އެބަޖެހޭ ސަރުކާރުގެ އިކޮން ކައުންސިލުން އުތުރު ތިލަފަޅުން ފެށިގެން މާލޭގެ އުތުރުގައި ހުރިއްޔާ ހުރި ހުރިހާ ފަޅު ތައް ހިއްކާ މާލެ ސަރަހައްްދުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ކޮންމެ މީހަކަށް އެމީހަކު އަމިއްލަ އަށް ދަނޑުވެރިކަން ކުރާ ކުންފުންނެއް ހެދުނުން 1000 އަކަމީޓަރުގެ ބިމެއް އަކަމީޓަރަކަށް މަހަކު 1 ރުފިޔާ އަށް ކުއްޔަށް ދޭންވީއޭ އިޓްސް ގޮނާބީ ޗާރމިންގް އެގްރޯ ޕާރކް އިން ދަ ވޯލްޑް...

The name is already taken The name is available. Register?

އޯލްޑް ޓައުން މާލެވިއަން

19 September 2021

މާލެ ފިޔަވާ އެހެން ރަށެއްގެ ރައްޔިތަކަށް ދިރިއުޅުމުގެ އުއްމީދެއް ލިބިގެން ނުވަނީތަ؟ އެކައްޗެއްވެސް ލިބުނަ ނުދޭންދޯ؟ މާލޭ މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް ދަނޑު ހައްދަންވީނުން. ސަހަރާތައްވެސް ރަނގަޅުވާނެ. މަރުވާ މީހުން ވަޅުލާނީ ރަށްފުށުގައި.

The name is already taken The name is available. Register?

ވޯލް

18 September 2021

އެކަމަކި ބުނާނެ ރަށުގައި ވަޒީފާއެއް ނެތޭ. މާލެ ހިޖުރަކުރަނީ ހަމަ އަނިއްލޢަށް.

The name is already taken The name is available. Register?

ކޮރަލް

18 September 2021

ދަނޑުވެރީންގެ ތެރެއިން މީހަކު މަޖްލީހަށް ހޮވަން ވީ އެވެ. އޭރުން ދަނޑުވެރީންގެ ހައްގު ވަކާލާތު ކުރާނެ މީހަކު ހުންނާނެއެވެ. މިހާރު ދަނޑުވެރީންގެ އާދޭހަށް މަޖްލިސް އެއްވެސް މެމްބަރަކު އިޖާބަ ނުދެ އެވެ. މިނިސްޓްރީން ވެސް މާބޮޑޫ ކަމެއް ނުކުރެ އެވެ. އެކަމު ކޮވިޑް ގަ ހާސްވެގެން ވ ވާހަކަ ދެއްކި އެވެ.

The name is already taken The name is available. Register?

ެެޑިކްޓޭ

18 September 2021

ހިތައް އަރަނީ މައުމޫން 30 އަހަރޮވޭތިކޮށް ކީ އަންބާ " މީ ވަޞީލަތްމަދު ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ޤައުމެއް"، މައުމޫނަށް ތަޢުލީމީ މީހަކަށްވެފެއި ނިއެނގެނެއި ހުށިހެއިމަކަކީޔަސް ތަޢުލީމް ކަން، އެފްރިކާކީ އެންމެ ވަޞީލަތް ގިން ކަންޓިނެންޓް އެކަމަކި އެންމެ ފަކީރި ކަންޓިނެންޓް.

The name is already taken The name is available. Register?

މިރުޝާދު

18 September 2021

ޒުވާން ދަނޑުވެރިޔާ ނަން ކަނޑާލާފަ ސުމާޓު ދަނޑުވެރިޔާ ކިޔަން ފެނޭ 35 އަހަރުން މަތީ މީހުންނަ ޒުވާނުންނޭ ނުކިޔޭނެ މަސަކަތް ވަރަށް ފުރިހަމަ

The name is already taken The name is available. Register?

ޙަސަން އަޙްމަދު

18 September 2021

ޙަޟާރީ ގޮތުން މުސްކުޅި އަދި އިންސާނީ ވަސީލަތުގެ ގޮތުން ކުރިއަރާފައި އޮންނަ ގައުމުތަކުގައި ޒުވާނުން ކިޔަނީ ހަމައެކަނި ފަންސަވީސް އަހަރުން ދަށަކަށް ނޫން. އަދި މީގެ އިތުރުން އުޅޭ ދާއިރާގެ ނިސްބަތުން ހަގު އުމުރެއްގައި ކާމިޔާބު ހޯދާ މީހުނަށް ވެސް އެދާއިރާގެ ނަމާ ގުޅުވައިގެން ޒުވާންކަމުގެ ސިފަ ބޭނުންކުރޭ. މިސާލަކަށް އެމެރިކާގެ ޒުވާން ރައީސުން ގޮތުގައި ކެނެޑީއާއި ކްލިންޓަން ސިފަކުރެވުނު. ޕޮއިންޓަކީ ކޮންމެ ލަފްޒެއް މާނަކުރަން ޖެހެނީ ޑިކްޝަނަރީއަކުން ނޫނޭ

The name is already taken The name is available. Register?

ހެލޯބުރޯ

18 September 2021

ދަނޑުވެރިކަމަކީ ރާއްޖޭގައި ވަރަށްވެސް ފުޅާކޮށް، ކާމިޔާބު ކަމާއެކު ކުރެވިދާނެ، ލިބޭ އާމްދަނީވެސް ބޮޑުވާނެ މަސައްކަތެއް. ބޭނުންވަނީ، މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުވާނޭ ފައިސާގެ އެހީތެރިކަންދީ، އެކަމަށް އެކަށީގެންވާނޭ ބިންތައްދިނުން. ކަޓު ނެގިގެންނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454