ރާއްޖެއިން މަސް އެކްސްޕޯޓުކުރުމުގެ ފުރުސަތުތައް ފަހިކުރަން ޗައިނާގެ ކުންފުންޏަކާ އެކު މިއަދު ސޮއިކޮށްފި އެވެ.

"ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް"ގެ ތެރެއިން ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު އަނަސް އަދި ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯ އެވެ.

މިފްކޯއިން ބުނީ އެ އެމްއޯޔޫގެ ދަށުން ޗައިނާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސަން ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އޭގެ ތެރޭގައި އުފެއްދުންތަކުގެ ފެންވަރާއި ބަންދުކުރުމާއި ލޮޖިސްޓިކްސް އަދި ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓުކުރުމުގައި ފުރިހަމަވާންޖެހޭ ގާނޫނީ ކަންކަން ހިމެނެ އެވެ. 

މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް ފަހިކުރަން މިފްކޯގެ ސީއީއޯ އަނަސް އަދި ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓުގެ ޗީފް އެޑްވައިޒަރު އޯ ވޭގުއާ، އެމްއޯޔޫގައި މިއަދު ސޮއިކުރައްވަނީ.-- ފޮޓޯ: މިފްކޯ
މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް ފަހިކުރަން މިފްކޯގެ ސީއީއޯ އަނަސް އަދި ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓުގެ ޗީފް އެޑްވައިޒަރު އޯ ވޭގުއާ، އެމްއޯޔޫގައި މިއަދު ސޮއިކުރައްވަނީ.-- ފޮޓޯ: މިފްކޯ

މަސް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މިފްކޯއިން ހަރަކާތްތެރިވާއިރު ސައިނޯމެކް ހައިނާންގެ ޒިންމާ އަކީ ޗައިނާގެ ބާޒާރުން ފުރުސަތުތައް ހޯދުމެވެ. 

ފުރަތަމަ މަރުހަލާގައި ދިރާސާތަކާއި ވިޔަފާރީގެ އިންތިޒާމްތަކަށް ރިއާޔަތްކޮށް، އަންނަ އަހަރުން ފެށިގެން އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރާނެ އެވެ. 

"މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ އާ ބާޒާރުތައް ހޯދުމަށް މަގުފަހިކޮށްދީ، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ވަރަށް މުހިއްމު ފުރުސަތެކެވެ،" ބަޔާނުގައިވެ އެވެ.

ރާއްޖެއިން މިހާރު މަސް އެކްސްޕޯޓުކުރަނީ ޔޫރަޕާއި ތައިލެންޑު އަދި މޮރިޝަސްއަށެވެ.