މާލޭގެ ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކޮށްގެން މި ފަހުން ހައްޔަރުކުރި މީހާ ހުކުމް ތަންފީޒުކޮށް ނިމުން ދޫކޮށްލައިފި އެވެ.
މިސްކިތުގެ ހުރުމަތް ކަނޑައިގެން ހައްޔަރުކުރީ، ގ. މާލޭހިޔާ، 2 02-13، ނައުޝާދު މޫސާ އެވެ.
އުމުރުން 32 އަހަރުގެ އެ މީހާ ހައްޔަރުކުރީ މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، އެ ތަނުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އޭރު އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވެ ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެކަމަކު އޭނާ ބަންދުން ދޫކޮށްލުމުން އަނެއްކާ ވެސް ފުރުގާން މިސްކިތުގައި ނިދަން އޮއްވައި ފެންނަ ފޮޓޯއެއް މިއަދު ވަނީ އާންމުވެފަ އެވެ.
އެ މައްސަލާގައި ފުލުހުން ބުނީ މިސްކިތަށް ގެއްލުންދިން މައްސަލާގައި ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.
އެކަމަކު އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަކޮށްފައިވާތީ އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެހެންވެ، އޭނާ ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ވެސް ކްރިމިނަލް ކޯޓުން ބާތިލުކޮށްފައިވާ ކަމަށެވެ.
ހަތިމުތައް އުކާލައި މިސްކިތަށް ގެއްލުންދީގެން ވެސް ނައުޝާދު މީގެ ކުރިން ހައްޔަރުކުރި އެވެ.
އެ ފަހަރު އޭނާ ހައްޔަރުކުރީ ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް ގެއްލުންދީ އަދި ކަރަންޓު ބޯޑުތަކެއް ހަލާކުކޮށްލުމުންނެވެ.
އޭގެ ފަހުން، މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ވެސް ހައްޔަރުކުރި އެވެ.