އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ދެވަނަ ފަހަރަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޖެހިގެން ޑޯނާއެއް ހޯދަން ފަށައިފި އެވެ. 

މުސްތާގުގެ ދެ ކިޑްނީ އެންމެ ފުރަތަމަ ފެއިލްވީ 2010 ގަ އެވެ. އެއް އަހަރު ވަންދެން ޑައިލިސިސް ހެދުމަށް ފަހު 2011 ގައި ސްރީ ލަންކާއިން ކިޑްނީ ޓްރާންސްޕްލާންޓް ހެދި އެވެ. ނަމަވެސް، ޓްރާންސްޕްލާންޓް ކުރި ކިޑްނީ "ވީކް" ވަމުންދާ ކަމަށް ޑޮކްޓަރުން ބުނަމުންދާތީ އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ޓެސްޓުތައް ހަދައިފަ އެވެ.  

ފަރުވާއަށް މިވަގުތު ތައިލެންޑުގެ ބެންކޮކުގައި ހުންނެވި މުސްތާގު "މިހާރު" އަށް މިއަދު ވިދާޅުވީ މި މަހު އެ ގައުމަށް ވަޑައިގެން ބެންކޮކް ހޮސްޕިޓަލަށް ދައްކައި ޓެސްޓުތައް ހެދުމުން "ރީނަލް ކިޑްނީ ފެއިލިއާ" ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންވެ، ވަގުތުން ޑައިލިސިސް ހަދަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިއަދަކީ އަޅުގަނޑުގެ ދެވަނަ ޑައިލިސިސް ހަދަން ޖެހޭ ދުވަސް. އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރަން ބޭނުންވާ ކަމުގައިވާ ނަމަ، ފުރާނަ ސަލާމަތްކުރެވެން މި އޮތީ އަވަހަށް އަނެއްކާ ވެސް ދެވަނަ ޓްރާންސްޕްލާންޓެއް ކޮށްގެން،" މުސްތާގު ވިދާޅުވި އެވެ. 

މުސްތާގު ވިދާޅުވީ ކިޑްނީ ޑޯނާއެއް ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާއިރު، އޭނާގެ އާއިލާގެ ގާތް ހުރިހާ މެމްބަރުން ތިބީ ކިޑްނީ ދޭން ނަމަވެސް، ސިއްހީ ސަބަބުތަކާ ހެދި އާއިލާގެ ތެރެއިން ކިޑްނީ ޑޯނާއެއް ހޯދުމަށް މިވަގުތު ދަތިވެފައިވާ ކަމަށެވެ. 

މީހާގެ ހަށިގަނޑު އެއްކޮށް ބަލިކަށި ނުވަނީސް، ވީހާ ވެސް އަވަހަކަށް ކިޑްނީ ޓްރާންސްޕްލާންޓް ހަދަން މުސްތާގަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. އޭނާގެ ބަރުދަނުގައި އެވްރެޖުކޮށް 59 ކިލޯ ހުންނަ ނަމަވެސް، ކިޑްނީ ފެއިލްވެ މީހާގެ ހާލަތު ދަށްވެ ފާއިތުވި ދުވަސްތަކުގައި ބަރުދަން ވަނީ 44.5 ކިލޯއަށް ވެއްޓިފަ އެވެ. 

"ކިޑްނީއެއް ލިބި އަވަހަށް ޓްރާންސްޕްލާންޓް ކުރުން އެންމެ ބޭނުންވަނީ،" ތިން އަންހެން ދަރިންގެ ބައްޕަ ވިދާޅުވި އެވެ. 

އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު އެ ކޮލެޖުގެ ކޮންވޮކޭޝަން ހަފުލާއެއްގައި ވާހަކަދައްކަވަނީ: ދެވަނަ ފަހަރަށް ކިޑްނީ ފެއިލްވެގެން އޭނާ އަންނަނީ ފަރުވާ ހޯއްދަވަމުން.-- ފޮޓޯ: އެވިޑް ކޮލެޖު
އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު އެ ކޮލެޖުގެ ކޮންވޮކޭޝަން ހަފުލާއެއްގައި ވާހަކަދައްކަވަނީ: ދެވަނަ ފަހަރަށް ކިޑްނީ ފެއިލްވެގެން އޭނާ އަންނަނީ ފަރުވާ ހޯއްދަވަމުން.-- ފޮޓޯ: އެވިޑް ކޮލެޖު

މުސްތާގު ވިދާޅުވީ އޭނާގެ ހާލަތު އެނގުމުން ވަރަށް ގިނަ ބަޔަކު ގުޅައި މެސެޖު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މާ ބޮޑަށް ބަލިވެ މިދިޔަ ދެތިން ދުވަހު ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިއަދު، އިއްޔެގައި އަޅުގަނޑަށް ކުޑަކޮށް ވާހަކަދެކެވޭ. ދެން މިހާރު ވެސް އެ ތަދު އިހުސާސްވޭ، އެ ވޭނުގައި މިހާރު ވެސް ކަޑައްތުކުރަމުން މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.  

މުސްތާގު ވިދާޅުވީ ފަރުވާއަށް ބެންކޮކުގައި ހުންނަވާއިރު، ތައިލެންޑުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފުއާދު ތައުފީގުގެ އިތުރުން ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް އޭނާއަށް ގުޅުއްވައި އެހީތެރިކަން ދެއްވަމުން އަންނަ ކަމަށެވެ.  

ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ މުސްތާގުއަކީ 2005 ވަނަ އަހަރު އެވިޑް ޓިއުޝަން ސެންޓަރު ހުޅުވުމުގެ ކުރިން ވެސް ތައުލީމު އުނގަންނައިދޭން 1998 ގައި ވިލިމާލޭގައި ޓިއުޝަން ސެންޓަރެއް ހިންގެވި ބޭފުޅެކެވެ. އަދި ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ވެސް އޭނާ ވަނީ ތައުލީމީ ޕްރޮގްރާމްތައް ހިންގަވައިފަ އެވެ. އެވިޑް ޓިއުޝަން ސެންޓަރު ކޮލެޖަކަށް ބަދަލުކުރީ 2013 ގަ އެވެ. 

އެވިޑް ކޮލެޖު އުފައްދަވައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ކޮލެޖުގެ ހިދުމަތްތައް ފުޅާކުރެއްވުމުގައި މުސްތާގު އިސްދައުރެއް އަދާކުރެއްވި އެވެ. މީގެ އިތުރުން، ރާއްޖޭގެ ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަންގެ ރައީސްކަން ވެސް އޭނާ ކުރައްވާފައިވެ އެވެ.