ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ހެޑް އޮފީސް އިމާރާތް ހުޅުމާލެ 2 ގައި އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
ބީއެމްއެލްގެ އިއުލާނުގައި ބުނީ ހުޅުމާލެ ލޮޓް ނަންބަރު 11824 ގައި އާ ހެޑް އޮފީސް އިމާރާތެއް އެޅުމަށް، އެތަން ޑިޒައިންކުރުމާއި އިމާރާތްކުރުމާއި އަދި ފައިނޭންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނުގައިވާ ކަރުދާހުގައިވާ ގޮތުން އާ އިމާރާތް އަޅަނީ 2,648.40 އަކަމީޓަރުގެ ބިމެއްގަ އެވެ؛
- ބޭސްމަންޓް ލެވަލްގެ ދެ ފުލޯއާ އެކު ހަދާ 14 ފްލޯގެ އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހާއްސަކުރަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށާއި މުވައްޒަފުންގެ ބޭނުންތަކަށް އަދި ރީ-ޓެއިލް ކަންކަމަށް
- މަދުވެގެން 65 ކާރު އަދި 400 ސައިކަލް ޕާކު ކުރެވޭނެ ޖާގަ ހުންނަން ޖެހޭ
- 12 ވަނަ ފުލޯގައި ހުންނަނީ ބަގީޗާ ޓެރަސްއެއް
- 13 އަދި 14 ވަނަ ފުލޯއަކީ އެގްޒެކެޓިވް ފްލޯތައް
-
އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ފުރާޅުގައި ސޯލާ ފާމެއް ހަދަން ޖެހޭ
މި މަޝްރޫއު ހިންގުމަށް ހޮވޭ ފަރާތަކުން މުޅި މަޝްރޫއު އެއްކޮށް ނިންމުމުގެ ޒިންމާ ނަގަން ޖެހޭނެ އެވެ. އަދި މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސަންވާނީ އެކަމަށް ހޮވޭ ފަރާތުން އެ ބޭންކު ނޫން ބޭރުގެ ވަސީލަތްތައް މެދުވެރިކޮށް އެމެރިކާ ޑޮލަރުންނެވެ.
ބީއެމްއެލްގެ ފައިސާ ނުވަތަ ބޭންކުން ފޮރިން ކަރަންސީ ހަމަޖައްސައިދޭ ގޮތަށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އަދި ކޮންވެންޝަނަލް ނުވަތަ ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިން މޮޑެލްތައް ވެސް ހުށަހެޅިދާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.
މި މަޝްރޫއުއަށް ޝައުގުވެރިކަން (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.
ހުޅުމާލެ 2 ގައި އޮންނަ ބިމެއް ލާޖައްސައިގެން ބީއެމްއެލްއަށް ބަދަލުކުރީ މިދިޔަ އަހަރު އޯގަސްޓުގަ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހުޅުމާލެ 2 ގައި އޮތް އެ ބިމުގެ މިލްކުވެރިކަން ބީއެމްއެލްއަށް ބަދަލުކުރީ އެ ބޭންކުގެ ނަމުގައި ހުޅުމާލެ 1 ގައި އޮތް ބިމަކާ ލާޖައްސައިގެންނެވެ. އެ ދެ ބިމަކީ ވެސް 15،800 އަކަފޫޓުގެ ދެ ބިމެވެ.