ޒަމާނީ ބަދަލުތަކާ އެކު ފަރުމާކޮށްފައިވާ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) ގެ ރަސްމީ ވެބްސައިޓާއި "މޫސުން" އެޕްލިކޭޝަން މިއަދު އިފްތިތާހުކޮށްފި އެވެ.

އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފެވެ.

"މޫސުން" އެޕް މިހާރު އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި މެޓް އޮފީހުގެ އާ ވެބްސައިޓު ވެސް މިއަދުން ފެށިގެން ބޭނުން ކުރެވޭނެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަގުތުން ވަގުތަށް ބޭނުންވާ މޫސުމީ މައުލޫމާތާއި ދުރާލާ އިންޒާރުދޭ ނިޒާމުގެ ހިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެ ޑިޖިޓަލް ޕްލެޓްފޯމްތައް އިފްތިތާހުކޮށްފައި ވަނީ މެޓް އޮފީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)  ގުޅިގެން ހިންގާ "ތައްޔާރު" ޕްރޮޖެކްޓްގެ ދަށުންނެވެ. 

އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ އެ ޑިޖިޓަލް ޕްލެޓްފޯމްތައް ފަރުމާކޮށްފައި ވަނީ މޫސުމީ ސްޓޭޝަންތަކުން ލިބޭ މައުލޫމާތާއި ހައި-ރިޒޮލިއުޝަން ނިއުމެރިކަލް މޮޑެލްތަކުގެ އިތުރުން ސެޓްލައިޓް ފޮޓޯޓައް އެއްކޮށްލައިގެން ސީދާ ވަކިވަކި ސަރަހައްދުތަކަށް ހާއްސަކޮށްގެން މޫސުން ލަފާކުރާ ގޮތް ބެލޭ ގޮތަށެވެ. 

މިނިސްޓްރީން ބުނި ގޮތުގައި އާންމުންނާއި ދަތުރުފަތުރުކުރާ މީހުންނާއި އެކި ހަފްލާތައް އިންތިޒާމުކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ އެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ވަގުތުން ވަގުތަށް މޫސުމީ ހާލަތު ދެނެގަތުމާއި ދިޔަވަރު ތާވަލުތަކާއި ކަނޑުގެ ހާލަތު އަދި މޫސުމީ ކުއްލި އިންޒާރުތަކުގެ ނޮޓިފިކޭޝަންތައް ބަލާލެވޭނެ އެވެ. 

"ތައްޔާރު" ޕްރޮޖެކްޓަކީ ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކޮށް، މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

އެއީ ޔޫއެންޑީޕީ އާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އާއި ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތު-ސައުތު ކޯޕަރޭޝަން ފަންޑު (ޖީޑީއެފް) މެދުވެރިކޮށް ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫއެކެވެ.