ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން އައި ބަންގްލަދޭޝްގެ ފިރިހެނަކު ރާއްޖެއިން ޑީޕޯޓުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދިއުމުން އޭނާގެ ޕާސްޕޯޓު ވީދާލި މައްސަލާގައި ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. 

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ޝޭހް އެމްޑީ މަސުމް ލަތިފް، 21، ގެ މައްޗަށް ފުލުހުން ކުރަނީ މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ. 

އޭނާ ބަންދުކުރަން އަމުރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާތީ އެވެ. އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި އިމިގްރޭޝަނުގެ އިންސިޓެންޑް ރިޕޯޓު ހުށަހަޅާފައިވެ އެވެ. 

މަސުމް ލަތިފްގެ ބަންދު އަމުރުގައި ބުނީ އޭނާއަކީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ އުސޫލުތަކާ ހިލާފަށް އުޅެމުން އައި މީހެއް ކަމަށާއި އޭނާ އިމިގްރޭޝަނުގެ ބެލުމުގެ ދަށުން ފުރަން ގެންދިއުމުން ޕާސްޕޯޓް ވީދާލާފައިވާ ކަމަށެވެ. އެ އަމަލު ހިންގާފައި ވަނީ އިމިގްރޭޝަނުގެ ސެލްގައި ބޭންދުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އަމުރުގައި ބުނީ މަސުމް ލަތިފް ބަންދުކުރުމަށް ފަހު، އޭނާގެ އަމަލުތައް ހުރި ގޮތުން އެއޯ ނަފްސާނީ ބަލިކަމެއް ހުންނަ މީހެއް ކަމަށް ބެލެވޭތީ އޭނާގެ އެސެސްމަންޓެއް ހެދި ކަމަށެވެ. އެކަމަކު ރިޕޯޓަށް ބަލާއިރު އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް، ތަހުގީގު ހިންގައި ޖިނާއީ ދައުވާއެއް ކުރުމަށް ހުރަހެއް އޮތް ކަމެއް ފާހަގަނުކުރެވޭ ކަމަށް ވެސް ބަންދު އަމުރުގައިވެ އެވެ.