ޖީއެސްޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާ އަށްވުރެ ގިނަ ފައިސާ ނުދައްކާ އޮތް 25 ފަރާތެއްގެ ނަން މީރާއިން މިއަދު ހާމަކޮށްފި އެވެ.
މީރާއިން މިއަދު އާންމުކޮށްފައިވަނީ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރުމުގެ އުސޫލުގެ ދަށުން، 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާއި ޑިސެންބަރު 2024 އިން ޖޫން 2026 ގެ ނިޔަލަށް އާންމުދާއިރާގެ ޖީއެސްޓީ ނުދައްކާ ފަރާތްތަކެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓް: https://www.mira.gov.mv/extended/NonCompliers
މީރާއިން ބުނި ގޮތުގައި އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދީފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެ ކަން އަންގައިފައިވާނެ އެވެ.
ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކްސް ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއް ނެތި އަޅަމުން ގެންދާނެކަމަށް މީރާއިން ބުންޏެވެ.
އެހެންކަމުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.