މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޖުމްލަ 2.28 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 11.8 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިއީ މި އަހަރުގެ އޮކްޓޯބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 12.9 ޕަސެންޓު އިތުރު އަދަދެއްކަމަށް މިރާއިން ބުންޏެވެ.
މިދިޔަ އަހަރަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި އާންމު ޖީއެސްޓީން ލިބުނު ފައިސާ އިތުރުވުމެވެ.
މީގެއިތުރުން އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް)، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ އިންކަމް ޓެކްސް އަދި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު މިންވަރު އިތުރުވުންވެސް ހިމެނެ އެވެ.
ހަމައެއާއެކު ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް އިތުރުވުމަކީވެސް އާމްދަނީ އަންދާޒާއަށްވުރެ އިތުރުވި ސަބަބެކެވެ. މިދިޔަ މަހު ލިބުނު އާމްދަނީގެ 19.6 ޕަސެންޓު ހިއްސާކުރަނީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި ހާއްސަ މަސައްކަތްތަކުންނެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 448 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ނޯޓިސް ފޮނުވައިގެން ހޯދި: 171 މިލިއަން ރުފިޔާ
- ޑިއުސް ކްލިއަރެންސްގެ ތެރެއިން ހޯދި: 161 މިލިއަން ރުފިޔާ
- އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން ހޯދި: 98 މިލިއަން ރުފިޔާ
- އެކައުންޓް ފްރީޒްކޮށްގެން ހޯދި: 10 މިލިއަން ރުފިޔާ
- ފޯނު ކޯލްތަކުގެ ޒަރިއްޔާއިން ހޯދި: 8 މިލިއަން ރުފިޔާ
މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 58.9 ޕަސެންޓު ނުވަތަ 1.3 ބިލިއަން ރުފިޔާ އެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް އާމްދަނީން ނަގާ ޓެކުހުން 248 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 151 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 149 މިލިއަން ރުފިޔާ، އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 73 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ.
މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 96.24 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
މިއާއެކު، މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރޭގައި 1.3 ބިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުންޏެވެ.