ފޯނެއް ވަގަށް ނެގި މައްސަލައެއްގައި ޖޫރިމަނާކުރުމުން، އެ ފައިސާ ދައުލަތަށް ނުދެއްކި މީހަކު 21 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 

އެ މައްސަލާގައި ހުކުމްކުރީ ސ. ހިތަދޫ، މިސްރުގަނދަކޯޅިމާގޭ، އަލީ ވަހީދުގެ މައްޗަށެވެ. 

ފޯނެއް ވަގަށް ނެގި މައްސަލާގައި އޭނާގެ މައްޗަށް ޖޫރިމަނާގެ ގޮތުގައި 4،200ރ. ދެއްކުމަށް ހުކުމްކުރީ ޖޫން، 4، 2026 ގަ އެވެ. އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމްކޮށްފައި ވިޔަސް އެ މުއްދަތު ހަމަވިއިރު ޖޫރިމަނާގެ ފައިސާގެ އެއްވެސް އަދަދެއް ނުދައްކާ ކަމަށް ދައުލަތުން ކޯޓުގައި ބުންޏެވެ. 

އެހެންވެ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެދުނީ އެ މައްސަލާގައި އޭނާގެ މައްޗަށް ކަނޑައެޅި އަސްލީ އަދަބު ތަންފީޒުކުރަން ފެށުމަށް އަމުރެއް ނެރެދިނުމަށެވެ. 

އެެހެންވެ، އޭނާގެ މައްޗަށް ކަނޑައެޅި ޖޫރިމަނާގެ އަދަބު މުރާޖާކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ އޭނާގެ މައްޗަށް ކަނޑައެޅި އަސްލީ އަދަބު ކަމަށްވާ 21 ދުވަހުގެ ޖަލު އަބަދު ކަމަށް ކަނޑައަޅައިފަ އެެވެ. 

މިގޮތަށް ކަނޑައަޅައި ޖަލު ހުކުމް ތަންފީޒުކުރުމަށް އަމުރުކޮށްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. 

ޖަލު ހުކުމް އައި މީހާ ވަގަށް ނެގީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު 11:00 ހާއިރު ރަސްފަންނު ގޮނޑުދޮށުގައި ހުރި ގަހެއްގައި އަޅުވާފައިވާ ދަބަހެއްގައި އޮތް ނޮކިއޯ ފޯނެކެވެ. އޭގެ ވެރިމީހާ ބުނެފައިވާ ގޮތުގައި އެ ފޯނު އޮތް ދަބަހުގައި ދެން އޮންނާނީ ފަސް ރުފިޔާ އާއި ކޭޝް ކާޑެކެވެ. އެ ތަކެއްޗާ އެކު ދަބަސް ވަގަށް ނެގީ އޭގެ ވެރިމީހާ މޫދަށް އެރުނު ވަގުތު އެވެ. 

ދަބަސް ވަގަށް ނެގި އަލީ ވަހީދުގެ މައްޗަށް ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ މި ވައްކަން ކުރި ކަމަށް ޝަރީއަތުގައި އިއުތިރާފު ވެސް ވެފަ އެވެ.