ހުޅުމާލޭގައި މި ފަހުން ހުޅުވި މެންހެޓަން ސިޓީ ހޮޓާ ކައިރީގައި ހުންނަ ވެމްކޯ ކުނި ސެންޓަރު އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެމްކޯއިން މިއަދު ބުނެފި އެވެ.

އެސްޓީއޯއިން މީގެ އަހަރުތަކެއް ކުރިން ބިނާކުރި ނުވަބުރީގެ ސިޓީ ހޮޓާ މި މަހުގެ ހަތް ވަނަ ދުވަހު ވަނީ ހުޅުވައިފަ އެވެ. ނަމަވެސް، އެތަން ނުހުޅުވި ދިގުލައިގެން ދިޔަ މި މުއްދަތުގައި ހުޅުމާލެ 1 ނިމޭ ހިސާބުން، އެ ހޮޓަލާ ޖެހިގެން ވަނީ ކުނި ކަލެކްޝަން ސެންޓަރެއް ހުޅުވައިފަ އެވެ. 

ވެމްކޯގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ 2017 ވަނަ އަހަރު ހުޅުވި އެ ސެންޓަރު، ހުޅުމާލެ 3 އަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން އެޗްޑީސީން މިހާރު އަންނަނީ ކުނިކޮށި ބަދަލުކުރާނެ އެހެން ތަނެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.

"އެ ސަރަހައްދު ނިމޭއިރަށް ރީލޮކޭޓު ކުރުމުގެ މަސައްކަތް ފެށިގެން ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި 162 ކޮޓަރި އާއި ކެފޭ ރެސްޓޯރެންޓްތަކާއި ކޮންފަރެންސް ހޯލެއް ހުރެ އެވެ. އޭގެ އިތުރުން، އައުޑްޑޯ ސުވިމިންޕޫލަކާއި ސްޕާ އެންޑް ވެލްނަސް ސެންޓަރެއް ވެސް ގާއިމްކޮށްފައިވެ އެވެ.

އެސްޓީއޯއިން ސިޓީ ހޮޓާ ހިންގަން އެޅި އިމާރާތް "މެންހަޓަން ގްރޭންޑް" ގެ ނަމުގައި ތަރައްގީކުރީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ މިދިޔަ އަހަރު ހަވާލުކޮށްގެންނެވެ.