ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރަސްމީކޮށް ހުޅުވާލައިފި އެވެ.

ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝައުގުވެރިވާ އަދި އެ މަގާމަށް ކަނޑައެޅިފައިވާ ގާނޫނީ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. 

ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިބްރާހިމް މާހިރު މިދިޔަ ސެޕްޓެމްބަރު މަހު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. 

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކަކީ:

  • އިސްލާމްދީނުގެ އަސާސްތަކަށް އީމާންވާ މުސްލިމަކަށް ވުމާއެކު ދިވެހި ރައްޔިތަކު ކަމުގައިވުން.
  • މީލާދީ ގޮތުން އުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  • އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނުވަތަ އިސްލާމީ ޝަރީއާއާއި ގާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި، ނުވަތަ މި ދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ބުއްދި ސަލާމަތުން ހުރުމާއެކު، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. 

އިސް ފަނޑިޔާރާ އެކު ހައި ކޯޓުގައި ތިއްބަވަނީ 11 ފަނޑިޔާރުންނެވެ.