ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިބްރާހިމް މާހިރު މިއަދު ރިޓަޔާކުރައްވައިފި އެވެ.

އެ ކޯޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ ފަނޑިޔާރުކަމުގައި މާހިރު ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. 

ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ މާހިރު، ހައި ކޯޓަށް އައްޔަންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ނަމަވެސް، މަތީ ކޯޓަށް އައްޔަން ކުރެއްވިތާ 11 މަސް ދުވަހުގެ ތެރޭގައި މަގާމުން ރިޓަޔާކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިދިޔަ މަހުގެ ތެރޭގައި ހުށަހެޅުއްވުމުން އެ ކޮމިޝަނުން ވަނީ އެކަން ގަބޫލުކޮށްފަ އެވެ. 

މާހިރު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގަ އެވެ. ނަމަވެސް، އޭގެ ފަސް އަހަރު ފަހުން، 2010 ފެމިލީ ކޯޓަށް ބަދަލުވެ، ހައި ކޯޓަށް އައްޔަންކުރެއްވުމާ ހަމައަށް މާހިރު ހުންނެވީ އެ ކޯޓުގަ އެވެ. 

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތީ ފެމިލީ ކޯޓުގައި 2022 ވަނަ އަހަރުން ފެށިގެން އެ ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައި ހުންނެވުމަށް ފަހުގަ އެވެ.