ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް އެ ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީއިން ހުޅުވާލުމުން އެ މަގާމަށް 19 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މި ބޭފުޅުންގެ ތެރެއިން ރައޫފާއި ޝަފީއު ހައި ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ނިންމާފައި ވާއިރު ކްރިމިނަލް ކޯޓުން ހުސްވެފައިވާ މަގާމަށް ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޔާޒު އައްޔަންކުރަން ނިންމާފައިވާކަން ވެސް ވަނީ އެނގިފަ އެވެ.
ރައޫފް ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދޫކުރި ފްލެޓެއް އޭނާއަށް ހުށަހެޅުމުން ގަބޫލުކުރެއްވި ކަމަށް ބުނެ މިދިޔަ ސަރުކާރުގައި ޖޭއެސްސީން މައްސަލަ ބަލައި މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ. އޭގެ ފަހުން އޭނާ ވަނީ ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ކެޔޮދޫ ދާއިރާއަށް ވެސް ވާދަކުރައްވައިފަ އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ ކުރައްވައި އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި ކްރިމިނަލް ކޯޓުން މަގާމު ހުސްވީ ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމުންނެވެ.
އަލަށް އައްޔަންކުރާ ފަނޑިޔާރުން މަގާމުގެ ހުވާކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިރޭ ސުޕްރީމް ކޯޓުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.