ސިވިލް ކޯޓަށް ދެ ގާޒީއަކު ހޯދަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ މަދަނީ މައްސަލަތައް ބެލުމުގެ އިހުތިސާސް އޮންނަ ކޯޓުގެ ގާޒީކަމަށް އަންނަ ހަފުތާގެ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމު ހުށަހަޅަން މުއްދަތު ދީފަ އެވެ.

ގާޒީކަމަށް ކުރިމަތިލެވޭނީ 25 އަހަރުވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ އެވެ.

ސިވިލް ކޯޓުގެ ގާޒީއަކަށް މުސާރައިގެ ގޮތުގައި 37,700ރ، ލިވިން އެލަވަންސަށް 18،000ރ. އަދި ރިސްކު އެލަވަންސްގެ ގޮތުގައި 3،300ރ. އާއެކު ޖުމްލަ 59،000ރ. ލިބޭނެ އެވެ. އޭގެ އިތުރުން ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް މެޑިކަލް އިންޝުއަރެންސް ވެސް ހަމަޖައްސާނެ އެވެ. 

ސިވިލް ކޯޓަށް ގާޒީން ހޯދަން އިއުލާންކުރީ، އެ ކޯޓުން މި ފަހުން ގާޒީ އަބްދުﷲ އިހުސާން އިސްތިއުފާ ދެއްވުމާއި ކުރިން ހުސްވި މަގާމަށް ގާޒީއަކު ނެގުމަށެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު އިހުސާން އިސްތިއުފާ ދެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އޭނާ ވަކިކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށެވެ. 

ސިވިލް ކޯޓުގައި މި ވަގުތު ތިއްބެވީ 19 ގާޒީންނެވެ.