ފްރާންސް ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށްވާ "ނައިޓްހުޑް" ލަގަބު، ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ އަދި ވިޔަފާރިވެރިޔާ އާމިނަތު ޝިޔާނާއަށް އަރުވައި، އެ ޝަރަފު ހޯދި ފުރަތަމަ ދިވެއްސަކަށް އޭނާ ވެއްޖެ އެވެ.

ސްރީ ލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ފްރާންސް ސަފީރުގެ ރަސްމީ ގެކޮޅުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝިޔާނާއަށް އަރުވާފައިވަނީ "ލެ ޝެވަލިއޭ ޑި ލޯޑްރެ ޑެސް ޕާމްސް އެކަޑެމިކްސް" (ނައިޓް އޮފް ދި އޯޑާ އޮފް އެކަޑެމިކް ޕާމްސް) ގެ ލަގަބެވެ.

މިއީ ފްރާންސްގެ ކުރީގެ އެމްޕަރާ ނެޕޯލިއަން ބޮނަޕާޓް ތައާރަފުކުރެއްވި، އެ ގައުމުގެ އެންމެ ދުވަސްވީ، އެންމެ ޝަރަފުވެރި އެއް އިނާމެވެ. މި އިނާމު އަރުވަނީ ތައުލީމީ ދާއިރާއަށާއި ފްރާންސް ބަހާއި ސަގާފަތް ކުރިއެރުވުމަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާ ބޭފުޅުންނަށެވެ.

ފްރާންސް ބަހާއި ސަގާފަތް ކުރިއަރުވަން ކޮށްދެއްވި މަސައްކަތަށް އެވޯޑު ދިނުމަށް ބޭއްވި ހަފްލާގައި އާމިނަތު ޝިޔާނާ (ވ).
ފްރާންސް ބަހާއި ސަގާފަތް ކުރިއަރުވަން ކޮށްދެއްވި މަސައްކަތަށް އެވޯޑު ދިނުމަށް ބޭއްވި ހަފްލާގައި އާމިނަތު ޝިޔާނާ (ވ).

ޝިޔާނާއަކީ ރާއްޖޭގައި ބަހުގެ ތައުލީމު ފުޅާކުރުމުގައި 30 އަހަރާ ގާތްކުރާ މުއްދަތެއް ވަންދެން މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ މަސައްކަތް ފެށުނީއްސުރެ ފްރާންސް ބަސް އުނގަންނައިދިނުމަށް ހާއްސަ އިސްކަމެއް ދެއްވި އެވެ. އެގޮތުން 1998 ވަނަ އަހަރު މާލޭގައި "ދަ ލެންގުއޭޖް ލާނިން ސެންޓާ" (އެލްއެލްސީ) އުފެއްދުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ. ޝިޔާނާ ހިންގަވާ އެ ސެންޓަރުގެ ގޮފިތައް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހިންގަމުންނެވެ.

ރާއްޖޭގައި ފްރާންސް ބަހާއި ސަގާފަތް ކުރިއެރުވުމަށް މަސައްކަތްކުރާ ރަސްމީ ޖަމިއްޔާ ކަމަށްވާ "އެލަޔަންސް ފްރާންސޭސް ޑި މާލެ" ގެ ހަރަކާތްތައް ހިންގުމަށް 2016 ވަނަ އަހަރު ޝިޔާނާ ވަނީ އެލްއެލްސީގެ އިމާރާތުން ޖާގަ ދެއްވައިފަ އެވެ. އެ ޖަމިއްޔާގެ މަސައްކަތްތައް މިހާރު ވެސް ހިންގަމުން އަންނަނީ އެ ތަނުގަ އެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާގެ ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވަނީ ވެސް ޝިޔާނާ އެވެ.

ފްރާންސް ބަހާއި ސަގާފަތް ކުރިއަރުވަން ކޮށްދެއްވި މަސައްކަތަށް އެވޯޑު ދިނުމަށް ބޭއްވި ހަފްލާގައި ޝިޔާނާ އާމިނަތު (ކ-2) އަށް ބައިވެރިވަނީ.
ފްރާންސް ބަހާއި ސަގާފަތް ކުރިއަރުވަން ކޮށްދެއްވި މަސައްކަތަށް އެވޯޑު ދިނުމަށް ބޭއްވި ހަފްލާގައި ޝިޔާނާ އާމިނަތު (ކ-2) އަށް ބައިވެރިވަނީ.

މި ބައިނަލްއަގުވާމީ ޝަރަފާ ގުޅޭގޮތުން ޝިޔާނާ ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތް ފެއްޓެވިއިރު، މިއީ މިހާ ފުޅާ އަދި މުހިންމު ދާއިރާއެއްކަން އޭރު އިހުސާސް ނުކުރެއްވޭ ކަމަށެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި އުފާވެރި ވަގުތުތަކާއި އުނދަގޫ ވަގުތުތަކާ ވެސް ކުރިމަތިލާން ޖެހުނު. އެހެން ނަމަވެސް، އަޅުގަނޑުގެ ވިޔަފާރީގެ ބައިވެރިޔާ ސައިމަން ސިކޮޝެވްސްކީ ދެއްވާ ހިތްވަރާއި، އެލްއެލްސީ އަދި އެލަޔަންސް ފްރާންސޭސް ކޮމިޓީގެ މުޅި ޓީމުން ކޮންމެ ފިޔަވަޅެއްގައި ވެސް ދޭ އެއްބާރުލުމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ބާރު،" ޝިޔާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެލަޔަންސް ފްރާންސޭސް ފުރަތަމަ އުފައްދަވައި، އެތަނުގެ ހިންގުން އޭނާއާ ހަވާލުކުރެއްވި އަހުމަދު އަބްދުލް މަޖީދާއި، އެ ޖަމިއްޔާގެ ޑިރެކްޓަރު ގެބިން ބެބްލާއީގެ އެހީތެރިކަމާ ނުލައި މި ކާމިޔާބީ ހާސިލު ނުކުރެވުނީސް ކަމަށެވެ.

"މާސީ ބޫކޫ (ވަރަށް ބޮޑަށް ޝުކުރިއްޔާ)! އަޅުގަނޑަށް އެކަނި މި ހިސާބަކަށް ނާދެވުނީސް،" ޝިޔާނާ ވިދާޅުވި އެވެ.