ސަރުކާރަށް އިއްޔެ ތިން އަހަރު ފުރުނުއިރު މިއީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވި ކުރަންވީ ވަގުތު ކަމަށް ވިދާޅުވެ، ޕީއެންސީގެ އިތުބާރު ދަމަހައްޓަން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރޭ ގޮވާލައްވައިފި އެވެ. 

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޣައްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކުރި ކެންޕެއިންގައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅެއްގެ ހައިސިއްޔަތުން، އެ ދުވަހު ރައްޔިތުން ޕީއެންސީގެ ފިކުރަށް ކުރި އިތުބާރަށާއި ދިން ވޯޓަށް މިއަދު ވެސް ޝުކުރު ދަންނަވާ ކަމަށެވެ. 

"މި ވަގުތަކީ އެ ދުވަސް ހަނދާނަށް ގެންނަންވީ ވަގުތެވެ. އެ ދުވަހު ރާއްޖޭގެ އުތުރުން ދެކުނަށް، އިރުން ހުޅަނގަށް، އެންމެހައި ރައްޔިތުންނަށް ވީ ވައުދުތައް، ރަނުންރަނަށް ފުއްދުމުގެ މަސައްކަތް ހަލުވި ކުރަންވީ ވަގުތެވެ،" ޣައްސާން ލިޔުއްވާފައި ވެ އެވެ. 

އޭނާ ވިދާޅުވީ ޕީއެންސީގެ ގައުމީވަންތަ އަސާސްތަކާއި ވައުދު ފުއްދުމުގެ ފަލްސަފާ އަދިވެސް އިސްކޮށް، ދިވެހިންގެ މެދުގައި އެ ޕާޓީގެ ފިކުރަށް އޮންނަ އިތުބާރު ދަމަހައްޓައި ދިނުމަށް ޕާޓީގެ ލީޑަޝިޕަށް އިލްތިމާސް ކުރައްވާ ކަމަށެވެ. 

ޣައްސާން މިހާރު ހުންނެވީ ސަރުކާރާއި ޕީއެންސީގެ ހަރަކާތްތަކާ ދުރުގަ އެވެ. އެންމެ ފަހުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ޣައްސާން ޑިފެންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އެވެ. އޭނާ އިސްތިއުފާ ދެއްވުމުގެ ފަހަތުގައި ސިއްހީ ސަބަބުތަކެއް ވެސްވާ ކަމަށް އޭރު އަޑު ފެތުރުނެވެ. 

ޣައްސާންއާ އެކު އެހެން ބައެއް ބޭފުޅުން ވެސް މިނިސްޓަރު ކަމުން އޭރު އިސްތިއުފާ ދެއްވިއިރު އޭގެ ތެރެއިން ގިނަ ބޭފުޅުން އެހެން މަގާމުތަކަށް ވަޑައިގެންނެވި އެވެ. ނަމަވެސް، ޣައްސާން އޭގެ ފަހުން ސަރުކާރު އަދި ޕާޓީގެ މަގާމަކަށް ވެސް ވަޑައެއްނުގަންނަވަ އެވެ. 

މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަމާ ޣައްސާން ހަވާލުވެވަޑައިގެންނެވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން އޭރުގެ ޕީޕީއެމްގެ ގިނަ ބޭފުޅުން ޣައްސާނަށް ތާއީދު ކުރެއްވި އެވެ. 

މެންބަރުން ގިނަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް އުވާލިއިރު އެ ޕާޓީ ހިންގުމުގައި އިސްކޮށް، ނައިބު ރައީސެއްގެ ގޮތުގައި ހުންނެވީ ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން ޣައްސާން އެވެ.