ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ކ. ހުރާ އިން 43 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. 

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ބަލައިފާސްކުރުމުގެ ޓާސްކުފޯހުން އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ހުރާގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 

އެ އޮޕަރޭޝަނުގެ ތެރެއިން 341 މީހަކު ބަލައިފާސްކޮށް، އޭގެ ތެރެއިން 43 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

މިދިޔަ އަހަރު އެ ރަށުގައި ހިންގި އޮޕަރޭޝަނުގައި ވެސް ވަނީ ހުރާގައި އުޅޭ ބިދޭސީންގެ ތެރެއިން 46 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

ކ. ހުރާގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީންތަކެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދަނީ.--
ކ. ހުރާގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީންތަކެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދަނީ.--

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލެ ސަރަހައްދުގައި މި ސަރުކާރުގެ ކުރީކޮޅު ފެށި ބޮޑު އޮޕަރޭޝަނާ އެކު ބައެއް މީހުން ރަށްރަށަށް ފިލައިގެންދާ މައްސަލަ ބޮޑުވެ، އޭގެ ފަހުން ދޭތެރެއަކުން ރަށްރަށުގައި ވެސް އެ އޮޕަރޭޝަން ދަނީ ހިންގަމުންނެވެ. 

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި 12،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓުކޮށްފަ އެވެ. 

ސަރުކާރާ ހަވާލުވިއިރު ރާއްޖޭގައި ރެކޯޑް ކޮށްފައި ތިބީ 295،000 ބިދޭސީން ކަމަށާއި އޭގެ ތެރޭގައި ފިންގަ ޕްރިންޓް ނަގައި، ކާކުކަން އެނގޭ ގޮތަށް ތިބީ އެންމެ 22،000 މީހުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ. 

އެކަމަކު މި ސަރުކާރުން ކުރި މަސައްކަތުން 260،000 މީހުން ވެރިފައިކޮށް، ބަޔޯމެޓްރިކްސް ނަގާފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގައި ބަޔޯމެޓްރިކްސް ނުނެގި ތިބޭނީ އެންމެ ޕަސެންޓް ބިދޭސީން ކަމަށެވެ.