ކައިވެނި ކޮށްގެން ތިބޭއިރު ސޯޝަލް ހައުސިންއިން ލިބޭ ނުވަތަ ދެމަފިރިން ގަންނަ ފްލެޓާއި ގޯއްޗަށް ވަކި މީހަކަށް މިލްކުވެރިކަން އޮތުމުގެ ބަދަލުގައި، ވަރިވުމަށް ފަހު ވެސް ދެ މީހުންގެ ހައްގު އޮންނާނެ ގޮތަށް ހަދަން އާއިިލާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިނުގަންނަން ރައްޔިތުންގެ މަޖިލިހުން ނިންމައިފި އެވެ.
ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުން ދެމަފިރިންނަށް ދޫކުރާ ފުލެޓާއި ގޯތި ފަދަ މުދަލަކީ އާއިލާއަކަށް ދޭ ބޯހިޔާވަހިކަމަކަށް ވީނަމަވެސް، ފުލެޓު ރަޖިސްޓްރީ ކުރެވެނީ ހުށަހެޅި މީހާގެ ނަމުގައި އެކަނި ކަމަށް ވާތީ، ދެމަފިރިން ވަކިވާ ހާލަތްތަކުގައި އަނެއް މީހާ އަށާއި މުޅި އާއިލާއަށް ބޮޑެތި ނިކަމެތިކަން ލިބެ އެވެ.
ވަރިވުމުން މުދާ ބަހާނެ ގޮތް އާއިލާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މިފަދަ ސްކީމްތަކުން ލިބޭ މުދަލާ މެދު އަމަލުކުރާނެ ސާފު އުސޫލެއް ނެތެވެ. އާންމުކޮށް މި ބޭއިންސާފު އަންހެނުންނަށް ދިމާވާއިރު މިފަދަ މައްސަލަތައް ކޯޓުތަކަށް ވެސް ހުށަހަޅާފައި އެބަހުއްޓެވެ.
ފްލެޓާއި ގޯތި ދޭން ބަލާ ޝަރުތުތަކުގެ ތެރޭގައި ކައިވެންޏެއް ކޮށްގެން އުޅުމާއި ދަރިން ތިބުން ހިމެނެ އެވެ. ޝޯޝަލް ހައުސިންގެ މިފަދަ ގިނަ ސްކީމްތަކުގެ ޝަރުތުތަކަށް ބަލާއިރު، ދެމަފިރިންގެ ތެރެއިން ފްލެޓަށް އެދި ހުށަހެޅޭނީ އެކަކަށެވެ. އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އިތުރު ބިމެއް ނުވަތަ ގޯއްޗެއް ނެތުމަކީ ވެސް ޝަރުތުކޮށްފައި އޮންނަ ކަމެކެވެ.
އެކަމަށް ހައްލެއް ހޯދަން އާއިލާއާ ބެހޭ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި އިސްލާހު ބަލައިގަތުމާ މެދު މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ބަލައިނުގަތުމަށް 44 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންވެ، ބިލު ވަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.
ބިލު ހުށަހެޅުއްވި ސަބަބާ ގުޅޭ ގޮތުން ކުޑޫ ވިދާޅުވީ ދައުލަތުން ދޭ ފްލެޓާއި މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގު އޮންނަ، އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުވާ ގޮތަށް ބެލެހެއްޓޭ މުދަލަކަށް ހެދުން ކަމަށެވެ.
ބިލުގައި ބުނެފައިވަނީ ދައުލަތުގެ ހައުސިން ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ބިމަކީ، ކައިވެނި ކޮށްގެން ތިބި މުއްދަތުގައި ލިބިފައިވާ ތަނެއް ކަމުގައިވާ ނަމަ ދެމަފިރިންގެ ތެރެއިން ކޮންމެ މީހެއްގެ ނަމުގައި އެ ތަނެއް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް، އެއީ ދެމަފިރިންގެ ހަމަހަމަ ހައްގު އޮތް ތަނެއްގެ ގޮތުގައި ބަލަން ވާނެ ކަމަށެވެ. މިގޮތުން އެ ކައިވެންޏަށް ލިބިފައިވާ ދަރިންގެ އިތުރުން، ކައިވެނީގެ ބައިވެރިންގެ ތެރެއިން އެތަނެއް ރަޖިސްޓަރީ ކޮށްފައި ނުވާ މީހަކަށް ވެސް އެތަނުގައި ދިރިއުޅުމާއި ބޭނުންކުރުމުގެ ހައްގު ލިބިގެންވާނެ ކަމަށް ބިލްގައި ވެ އެވެ.
އެ ނޫން ގޮތަކަށް އެފަދަ ތަނަކާ މެދު އަމަލުކުރެވޭނީ، ކޯޓުގައި ރަޖިސްޓަރީ ކުރެވިގެން ދެމަފިރިންގެ މެދުގައި، އެއްފަރާތަށް ލިބިފައިވާ ހައްގު ދޫކޮށްލުމަށް ހަދާފައިވާ އެއްބަސްވުމެއް އޮވެގެން، ނުވަތަ ކޯޓުގެ ހުކުމަކުން ކަމަށް އިސްލާހުގައިވެ އެވެ.
ގާނޫނަށް އަމަލުކުރަން ފަށާއިރު، އިސްލާހުގައިވާ ގޮތުން ދެމަފިރިންނަށް ވީތީ ދައުލަތުގެ ސްކީމްތަކުގެ ދަށުން ލިބި، ވަކި މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ތަންތަނާ މެދު ކޯޓަކުން ނުވަތަ ދެމަފިރިންގެ އެއްބަސްވުމަކުން ވަކި ގޮތެއް ނިންމާފައި ނުވާ ނަމަ އެފަދަ މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގު އެކުލެވޭ މުދާ ކަމުގައި ބަލަންވާނެ ކަމަށެވެ.
އިސްލާހުގައިވާ ގޮތުން ދެމަފިރިންގެ ނަމުގައި ރަޖިސްޓަރީ ކުރަން ނުވަތަ ވަކި މީހެއްގެ ނަމުގައި ދެމެހެއްޓުމަށް ނުވަތަ އަނެކަކުގެ ނަމަށް ބަދަލުކުރުމަށް ނިންމާއިރު، ކައިވެނީގެ ދަރިން ބަލަހައްޓާ ފަރާތަށާއި އަމިއްލަ ބޯހިޔާވަހިކަމުގެ ތަނަވަސްކަމެއް ނެތް، އަމިއްލަ ނަމުގައި ބިމެއް، ގޯއްޗެއް ނުވަތަ ފްލެޓެއް ވެސް ނެތް މީހެއް ކަމުގައިވާ ނަމަ އެ މީހެއްގެ ނަމުގައި އެތަނެއް ރަޖިސްޓަރީ ކުރުމަށް އިސްކަންދޭން ވާނެ އެވެ.
ދެމަފިރިންގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ނެތް ނަމަ ވަރިވުމުގެ މަރުހަލާގައި އަދި އޭގެ ފަހުން ވެސް ބައެއް ކަންކަމާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށް، ކައިވެނީގައި ތިބި ދެމަފިރިންގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް ކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އެގޮތުން ދެމަފިރިންގެ ނަމުގައި ރަޖިސްޓަރީ ކުރަން ނުވަތަ އެފަދަ ތަނެއްގައި ދެމަފިރިންގެ ތެރެއިން އެކަކަށް ލިބިފައިވާ ހައްގު އަނެކަކަށް ބަދަލުކުރުމަށް ނުވަތަ އެފަދަ ތަނަކަށް ދައްކަން ޖެހޭ ފައިސާ ނުވަތަ މާލީ ޒިންމާއެއް ދެފަރާތަށް ބެހުމަށް ކޯޓަށް ހުށަހެޅިދާނެ ކަމަށް އިސްލާހުގައިވެ އެވެ.