ސޯޝަލް މީޑިއާގައި ސިޔާސީ ޕޯސްޓްތަކެއް ކުރި މައްސަލާގައި ހައި ކޯޓުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނިޒާމް ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ހިމެނިވަޑައިގަންނަވާ ބެންޗުގެ އިއްތިފާގުން ކުރި މި ހުކުމުގައި ވަނީ ނިޒާމް ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކޮށް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ދަމަހައްޓައިފަ އެވެ.

ނިޒާމް މިހާރު ހުރީ އެމްއެމްއޭގެ އެކްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަ އެވެ. 

މި މައްސަލަ ފެށުނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ހައި ކޯޓުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމާ ހަވާލުވި ނިޒާމް، އެހެން ނަމެއްގައި ފޭސްބުކް އެކައުންޓެއް ބޭނުންކޮށްގެން ޝަރުއީ ދާއިރާ އާއި ފަނޑިޔާރުންގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ސިޔާސީ ޕޯސްޓްތަކެއް ކުރަމުންދާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހެޅުމާ ގުޅިގެންނެވެ.

އަދި ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވެސް އެފަދަ ޝަކުވާއެއް އޮތީ ހުށަހަޅައިފަ އެވެ. ޑީޖޭއޭއިން ހިންގި ތަހުގީގަށް ފަހު، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް ސިޔާސީ ކަންކަމުގައި ބައިވެރިވެ، ޝަރުއީ ދާއިރާގެ އަގު ވެއްޓޭ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ނިންމައި، ނޯޓިސް ދިނުމަކާ ނުލައި ނިޒާމް ވަޒީފާއިން ވަކިކުރި އެވެ.

ނިޒާމްގެ ފަރާތުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، ޓްރައިބިއުނަލުން ނިންމާފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ. ނަމަވެސް، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ނިންމާފައިވަނީ އެ ފޭސްބުކް އެކައުންޓަކީ ސީދާ ނިޒާމް ބޭނުންކުރި އެކައުންޓެއް ކަން ސާބިތުނުވާތީ އޭނާ ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށެވެ. އަދި ބަދަލާ މެދު ގޮތެއް ނިންމަން ޓްރައިބިއުނަލަށް މައްސަލަ އަލުން ފޮނުވަން ނިންމި އެވެ. 

ހައި ކޯޓުގެ އެ ނިންމުން ނިޒާމާއި ޑީޖޭއޭއިން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އިއްވެވި ހުކުމްގައި ވަނީ ތަހުގީގަށް ނިޒާމް ދިން ބަޔާނުގައި، އެ ފޭސްބުކް އެކައުންޓަކީ އޭނާ އުފެއްދި އެކައުންޓެއް ކަމަށް އެއްބަސްވެފައިވާއިރު، އޭނާގެ ދަރިންގެ ފޮޓޯތަކާއި މާސްޓާސް ޑިގްރީ ތީސީސްގެ ކަވަރު ފޮޓޯ ފަދަ ޒާތީ މައުލޫމާތު އެ އެކައުންޓްގައި ހުރި ކަމަށެވެ.

އެކައުންޓް ހެކްކޮށްފައިވާ ކަމަށް އޭނާ ބުނި ނަމަވެސް، އެކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. އަދި ހެކްކުރި ފަހުން ވެސް އޭނާ އަމިއްލައަށް އެ އެކައުންޓުން ޕޯސްޓްކުރި ކަމަށް ބުނާއިރު، ޕާސްވޯޑް ބަދަލުކުރުމަށް ނުވަތަ ކަމާބެހޭ އިދާރާތަކަށާއި ކޯޓަށް އެކަން ރިޕޯޓްކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ހުކުމްގައި ފާހަގަކުރި އެވެ.

ހުކުމްގައި ބުނީ ޝަރުއީ ދާއިރާއަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި އޮންނަން ޖެހޭ މުސްތަގިއްލު ދާއިރާއަކަށް ވާއިރު، ހައި ކޯޓުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ފަދަ އިސް މަގާމެއްގައި ހުންނަވައިގެން ސިޔާސީ ތައައްސުބު އުފެދޭ ގޮތަށް ޕޯސްޓްކުރުމަކީ، ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުން ހުއްދަވާ ފަދަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ އަމަލެއް ކަމަށެވެ.

އެހެންވެ އިޖުރާއީ އަދި މައުޟޫއީ އަދުލުވެރިކަން ގާއިމުކޮށްގެން ނިޒާމް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓަށް ގަބޫލުކުރެވޭތީ، ހައި ކޯޓުގެ ހުކުމް ބާތިލުކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ގޮތް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.