ބޮޑުތަކުރުފާނު މަގު އަލުން ހަދަން ފަށާފައިވާ މަސައްކަތުގައި އެމްޕީއެލް ސަރަހައްދުގެ މަސައްކަތް ފެށުމަށް މިރޭ މަގު ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.  

ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަސައްކަތް މިރޭ ދަންވަރު ފަށަން ހަމަޖެހިފައި ވާތީ 12:00 އިން ފެށިގެން އެ ސަރަހައްދު ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގަނދަކޯޅި ހިނގުމުން ފެށިގެން ކަނބާއައިސާރަނިހިނގުން ނިމޭ ހިސާބަށް ބަންދު ވާނެ އެވެ. އަދި އައްސޭރި ހިނގުން ވެސް ވަނީ ބަންދު ކުރަން ނިންމައިފަ އެވެ.

ގަނދަކޯޅި ހިނގުމުން ފެށިގެން ބަނދަރުމަތީ ހިނގުމާ ހަމައަށް ވަނީ ޕާކުކުރުން މަނާކޮށްފަ އެވެ. އަދި ގަނދަކޯޅި ހިނގުމުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގޮތަށް އޮތަސް އެ ހިސާބު ވަނީ އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފަ އެވެ. 

ފުލުހުން ވަނީ، މަގު ބޭނުންކުރާއިރު ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމަށާއި، ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފަ އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހެދުމުގެ ބޮޑު މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މީގެ ކުރިން ވަނީ ކާނިވާ ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހިސާބަށް މަގު ފުޅާކޮށް ތާރު އަޅައިގެން ހަދައިފަ އެވެ. އެ ބަދަލުތަކާ އެކު ޓްރެފިކަށް ބޮޑު ލުޔެއް ލިބިފައި ވާއިރު ދެން ނުނިމި އޮތީ އެމްޕީއެލް ސަރަހައްދުން ފެށިގެން އައިޖީއެމްއެޗާ ހިސާބަށް އޮތް ބަ އެވެ. 

މިހާރު ބަންދުކޮށް މަސައްކަތް ކުރަމުން އަންނަނީ މާފަންނު ޕޮލިސް ސްޓޭޝަނުން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށެވެ.