އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މުޅި މާލެއިން އިންތިހާބުކުރި 16 މެންބަރުންނަށް ވޯޓު ދިން ގޮތާއި ނަތީޖާ ޝީޓާ ދިމާނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު ތުހުމަތު ކުރައްވައިފި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާ އިން، މުޅި މާލެއިން 16 ގޮނޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓްގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަ މީހުން ފާހަގަ ޖެހި ގޮތަށް ނެރެފައިވާ ނަތީޖާ ޝީޓެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ބައެއް ކެންޑިޑޭޓުންނަށް 200 ވަރަކަށް ވޯޓު އިތުރަށް ޖަހާފައި ހުރި ކަމަށް ބެލެވޭ ކަމަށް ވެސް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ.
ޝަމްހީދުގެ އިތުރުން އެމްޑީޕީގެ އެހެން ބައެއް މީހުން ވެސް ބައެއް ނަތީޖާތަކާ މެދު ސުވާލު އުފައްދާފައިވެ އެވެ.
އެމްޑީޕީގެ ތެރޭގައި ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައި ވަނިކޮށް، އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ އިންތިހާބުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތާއީދާ އެކު ނުކުތް "ޓީމް އެމްޑީޕީ"ގެ މައްޗަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދާއި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒް އިސްމާއީލްގެ "ބޮޑު ބަދަލު" ޓީމުން ވަނީ ހޯދައިފަ އެވެ.
މާލެ އާއި ރަށްރަށުގައި ބޭއްވި އިންތިހާބުގައި މާލޭގެ ގިނަ ގޮނޑިތަކާ އެކު އިންތިހާބުގެ މެޖޯރިޓީ ހޯދީ ނަޝީދާއި ފައްޔާޒުގެ "ބޮޑު ބަދަލު" ޓީމުންނެވެ.
އިބޫ ތާއީދު ކުރެއްވި "ޓީމް އެމްޑީޕީ" އަކީ 2028 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އޭނާގެ ރަނިންމޭޓް މާލޭ މޭޔަރު އާދަމް އާޒިމް ވެސް ތާއީދު ކުރެއްވި ކެންޑިޑޭޓުންނެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މުހިންމު ގިނަ ގޮނޑިތަކެއް ކާމިޔާބުކުރީ "ބޮޑު ބަދަލު" ޓީމުންނެވެ. މުޅި މާލެ ސިޓީގެ ތަމްސީލުކުރާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި އެ ޓީމުން ކާމިޔާބުކުރިއިރު، އިބޫގެ ޓީމަށް ކާމިޔާބުވީ އެންމެ ހަތަރު ގޮނޑި އެވެ.
މާލޭގެ އިތުރުން އެހެން ސިޓީތަކުގެ ގިނަ ގޮނޑިތަކާއި އަތޮޅު އަދި ރަށްތަކުން ވެސް ގިނަ ގޮނޑި ކާމިޔާބުކުރީ "ބޮޑު ބަދަލު" ޓީމުންނެވެ.