އިލެކްޓްރޮލައިޓްސް އާއި ވިޓަމިންސް އަދި މިނަރަލްސް ގިނަ މިންވަރަކަށް އެކުލެވޭ ބުއިންތައް ރަޖިސްޓްރީނުކޮށް ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފި އެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ އެފަދަ ބާވަތްތަކުގެ ބުއިންތައް ރާއްޖެ އެތެރެކޮށް، އާއްމު ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ވިއްކަމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެފަދަ ބުއިންތައް އާއްމު ފިހާރަތަކުން ލިބެން ހުރުމާއި އެނާޖީ ބުއިމެއްކަން ނުވަތަ ހައިޑްރޭޝަން ބުއިމެއްކަން ލޭބަލްކޮށްފައި ހުއްޓަސް އެކުލެވޭ ބާވަތްތަކާއި އޭގެ މިންވަރަށް ނުބަލައި ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުން ވެސް އެ ބުއިންތައް ބޭނުންކުރަމުންދާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. 

އެކަމަކު، ސިއްހީ ހިދުމަތްދޭ މީހުންގެ ލަފައާ އިރުޝާދެއް ނެތި އެ ތަކެތި ބޭނުންކުރުމަކީ ސިއްހީ ނޭދެވޭ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް އިއުލާނުގައި ބުންޏެވެ.

"މިފަދަ ބުއިންތަކުގައި ހިމެނޭ ވިޓަމިންތަކާއި އިލެކްޓްރޮލައިޓްސް ހިމެނޭ މިންވަރާއި އަދި ތަފާތު ކްލެއިމްތަކަށް [އެނާޖީ، ހައިޑްރޭޝަން، ސްޓެމިން، މަސުލް ރިކަވަރީ ނުވަތަ ސިއްހީ ފައިދާތަކަށް ބޭނުންކުރާކަމަށް] ރިއާޔަތްކޮށް މިފަދަ ބުއިންތައް ގިންތިކުރެވެނީ ނިއުޓްރާސޫޓިކަލްސްގެ ގޮތުގަ އެވެ،"

"ވީމާ، މިފަދަ ބުއިންތައް އާއްމު ބުއިމެއްގެ ގޮތުގައި އެތެރެކޮށް، ވިއްކާ އަދި ބޭނުން ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ،" 

އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅަން ވަނީ އެދިފަ އެވެ.